މާލޭ މެމްބަރު ޝިހާބު އެމްޑީޕީން ވަކިވެވަޑައިގެންފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު މުހައްމަދު ޝިހާބު އެ ޕާޓީން ބުރާސްފަތި ދުވަހު ވަކިވެވަޑައިގެންފި އެވެ.
މީގެ ތިން އަހަރު ކުރިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝިހާބު ބުރާސްފަތި ދުވަހު ވިދާޅުވީ އޭނާ އެ ޕާޓީން ވަކިވެވަޑައިގެންނެވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ނިމުމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް ހިޔާލުކޮށްގެން ހުރީ ގާނޫނު އަސާސީގެ މަސައްކަތް ނިމުމުން އެމްޑީޕީން ވަކިވާން. އަޅުގަނޑު އެމްޑީޕީއާ ގުޅުނުއިރު އޮތް އެންމެ މުހިންމު މަސައްކަތަކީ ގާނޫނު އަސާސީ އިސްލާހުކުރުން. އަޅުގަނޑަށް އޭރު ވިސްނުނު ގޮތުން ވެއްޖިއްޔާ އެއް ހިޔާލެއްގެ އެއް ފިކުރެއްގެ ބަޔަކާ އެކު މަސައްކަތް ކުރެވިއްޖިއްޔާ ގާނޫނު އަސާސީގެ މަސައްކަތް ނިންމުމުގައި ވަރަށް ފޮނި ނަތީޖާއެއް ނެރެވިދާނެ. އެހެންވެ އެ ނަތީޖާ ހާސިލުކުރުމުގެ ބޭނުމުގައި (ގާނޫނު އަސާސީގެ މަސައްކަތް ކުރުން) އަޅުގަނޑު އެމްޑީޕީއާ ގުޅުނީ. މިއަދު އެ މަސައްކަތް ނިމުމުން އަޅުގަނޑު އެމްޑީޕީން މި ވަކިވީ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސްކަން ގާތްގަނޑަކަށް ދެ އަހަރު ވަންދެން ކުރައްވައިފައިވާ ޝިހާބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވި ނަމަވެސް މިވަގުތު އަދި ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އިތުރުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.
ޝިހާބު އަދި ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވީ އެ ޕާޓީއާ މެދު އެއްވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އޮވެގެން ނޫން ކަމަށެވެ.
"އަޅުގަނޑަށް މިހާތަނަށް މަސައްކަތް މި ކުރެވުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއްގެ ދަށުން. އެ ބޭފުޅުންގެ އެހީތެރިކަން އަބަދުވެސް ލިބުނު. އެހެންވެ މި ފުރުސަތުގައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
ޝިހާބު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގަތުމަށް ޕާޓީ އޮފީހަށް ސިޓީއެއް ފޮނުއްވައިފައިވާނެ ކަމަށެވެ. އަދި އެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލް ޣަފޫރު ވެސް ބުރާސްފަތި ދުވަހު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އެމްޑީޕީގެ ގިނަ ބައްދަލުވުންތަކުގައި ފަހަކަށް އައިސް ޝިހާބު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެގޮތުން ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކާއި އާންމު ބައްދަލުވުންތަކުގައި ޝިހާބު ބައިވެރިވެވަޑައިގެންފައި ވަނީ ފަހަކަށް އައިސް ވަރަށް މަދުންކަން ފާހަގަކޮށްލެވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ވަރަށް ގިނަ މެމްބަރުން ދަނީ އެ ޕާޓީން ވަކިވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސ. މެމްބަރު މުހައްމަދު އަސްލަމާއި ހާއްސަ މަޖިލީހުގެ ސ. މެމްބަރު ހުސްނުއްސުއޫދާއި ހާއްސަ މަޖިލީހުގެ ތ. މެމްބަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ގައުމީ މަޖިލީހުގެ މެމްބަރު އަދި ކެބިނެޓް ސެކްރެޓްރީ އިބްރާހިމް ދީދީ (ކޭޑީ) ވަނީ ދާދި ފަހުން ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭގެ އިތުރުން އައްޑޫގެ 22 ދާއިރާއެއްގެ ރައީސުން ވެސް ވަނީ މިދިޔަ ހަފުތާގައި އެމްޑީޕީން ވަކިވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އޮފީހަށް ނުކުމެވަޑައިނުގަންނަވާތީ އޭނާގެ މަސްއޫލިއްޔަތުތައް ނައިބު ރައީސް އިބްރާހިމް ހުސެއިން ޒަކީއާ، ޕާޓީގެ ގައުމީ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ