ގާނޫނު ފާސްވުމާ އެކު މަސްތުވާތަކެތީގެ މައްސަލަތައް ބެލުން ކްރިމިނަލް ކޯޓާ ޖުވެނައިލް ކޯޓުން ހުއްޓާލައިފި

ހޮނިހިރު ދުވަހު ތަސްދީގު ކުރެއްވި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަސްތުވާތަކެއްޗާ ބެހޭ މައްސަލަތައް ބަލަން ޖެހޭނީ ޑްރަގް ކޯޓަކުން ކަމަށް ބުނެފައިވާތީ އެފަދަ މައްސަލަތައް ބެލުން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ހުއްޓާލައިފި އެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ބެލުމަށް ޑްރަގް ކޯޓުގެ ނަމުގައި ވަކި ހާއްސަ ކޯޓެއް ގާއިމްކުރަން ޖެހެއެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައި ހުރި އެންމެހާ މަސްތުވާތަކެތީގެ މައްސަލަތައް ބެލުން ހުއްޓާލަން ޖެހެއެވެ.
އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ޑްރަގް ކޯޓުގެ ނަމުގައި ކޯޓެއް އުފެދޭނެ އެވެ. އެހެން ނަމަވެސް އެ ކޯޓު ހިނގަން ފަށާނީ އެ ކޯޓު ހިންގުމަށް ބޭނުންވާ ގަވާއިދުތައް ހަދައި އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެންނެވެ. އެ ގާނޫނު ބުނާ ގޮތުން ޑްރަގް ކޯޓަކީ މާލޭގައި ހުންނަ ދަށު ކޯޓްތަކާ އެއް ދަރަޖައެއްގެ ކޯޓެކެވެ. އެ ކޯޓަކީ ހާއްސަ ބާރުތަކެއް ލިބިދީފައިވާ މަދު ވެގެން ފަސް ފަނޑިޔާރުން މައްޗަށް އެކުލެވޭ ކޯޓެކެވެ.
ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ބުނީ އެ ކޯޓުގައި މިހާތަނަށް ހުރި މަސްތުވާތަކެތީގެ އެންމެހާ މައްސަލަތައް މިއަދުން ފެށިގެން ބެލުން ހުއްޓާލައިފައިވާ ކަމަށެވެ. މިއަދު ވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތެވެ. އެހެން ނަމަވެސް ފަހުން ހުރިހާ މައްސަލަތަކެއް ކެންސަލްކޮށްފައިވާ ކަމަށް އެ ކޯޓުން ބުނެއެވެ.
އެ ދެ ކޯޓުގައި ވެސް ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތައް އޮވެ އެވެ. އެ ދެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މިހާރު އެންމެ ގިނައީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކެވެ.
އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެތީގެ ގާނޫނުގައި، މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ވެސް ކަނޑައަޅައިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ