2011 ގައި "ހަވީރު" ގެ އެންމެ އުފެއްދުންތެރި ނަންތައް

ފަޒީނާ އަހުމަދު: މުޅި ނިއުސް ޓީމުގެ އެކެއް"ހަވީރު" ނިއުސް ރޫމްގައި 2011 ގައި އެންމެ ގިނަ ޚަބަރު ތައްޔާރުކުރި ޒުވާން އަންހެން ނޫސްވެރިޔާ ހެދި ޚަބަރުތަކުގެ ޖުމްލަ 900 އަށް ވުރެ މައްޗަށް އަރަ އެވެ. ވަކި ދާއިރާއަކުން ޚާއްސަ ނުވެ، ފަޒީނާ ގެންދަނީ އޭނާއާ ހަވާލުކުރާ ކޮންމެ މަސައްކަތެއް، ކިއުންތެރިންނަށް ރަނގަޅަށް ދޭހަވާނެ ގޮތަށް ފުރިހަމަކުރަމުންނެވެ. އަހުމަދު ހަމްދޫން: ރިޕޯޓް ލިއުމުގައި ދެވަނައެއް ނެތްހަވީރުގެ މިފަހުގެ ތާރީޚުގައި ހަމްދޫން ވަރުގެ ހީވާގި ނޫސްވެރިޔަކު ނުއުފެދެ އެވެ. ސ. ހިތަދޫ އަށް އުފަން ނޫސްވެރިޔާ ޚަބަރާއި ރިޕޯޓް ތައްޔާރުކުރުމުގައި މަސައްކަތްކުރަނީ ރެއެއް ދުވާލެއް ބެލުމެއް ނެތި އެވެ. ޚާއްސަކޮށް ސިޔާސީ ދާއިރާގެ މުހިންމު ގިނަ ޚަބަރުތަކެއްގައި ހަމްދޫން ބައިވެރިވި އެވެ. ސިޔާސީ މުހިންމު އަދި ބާރުގަދަ ބައެއް ބޭފުޅުންނާ ދެމެދު ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ބައެއް ފަހަރަށް، ވަރަށް މުހިންމު ޚަބަރުތަކާއި ބްރޭކިން ނިއުސް ގެނެސްދިނުމުގެ އާރުކާޓީއަކަށް ހަމްދޫންވެ އެވެ. މިދިއަ އަހަރު ހަމްދޫން ވަނީ ތަފާތު މައުލޫއުތަކަށް 65 ރިޕޯޓް ލިއެފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ ދާއިރާގައި މިދިއަ އަހަރު ހިނގި ސީރިއަސް އެތައް ކަމަކާ ބެހޭ ރިޕޯޓްތައް ވެސް ހިމެނެ އެވެ. ރިޕޯޓްގެ އިތުރުން ހަމްދޫން ހިމެނެނީ ފަޒީނާ ނެގުމަށް ފަހު 2011 ގައި އެންމެ ގިނަ ޚަބަރު ހެދި ލޯކަލް ރިޕޯޓަރުންގެ ތެރޭގަ އެވެ. އެގޮތުން 600 އަށް ވުރެ ގިނަ ޚަބަރު ހަދާފައިވެ އެވެ.ނިއުމަތުﷲ އިދުރީސް: ބޭރު ދުނިޔޭގެ މައުލޫމާތުން މުއްސަނދިވެފައިއޮފީހަށް ވަދެ، އޭނާގެ ގޮނޑީގައި އިށީންނަ ގޮތަށް ނިއުމަތުﷲ އެތަނުން ތެދުވާނީ ކޮން އިރަކުން ކަމެއް އޭނާގެ އެކުވެރި ނޫސްވެރިންނަށް ވެސް ލަފާކޮށްލާކަށް ނޭނގޭނެ އެވެ. ބައެއް ދުވަސްދުވަހު އެކަނިމާއެކަނި އަދުގެ ދުނިޔޭގެ ތިން ސަފުހާ ހަދަ އެވެ. އޭގެ މާނަ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ އޭއެފްޕީގެ ޚަބަރުތައް ހަވީރުގައި އެންމެ ގިނައިން ކިޔާނެ އެކަކީ ނިއުމަތަށް ވުމެވެ. ނިއުމަތުﷲ ވަނީ 2011 ގައި ހާހަކަށް ވުރެ ގިނަ ޚަބަރާއި ރިޕޯޓް ތަރުޖަމާކޮށް، ހަވީރުގެ ކިއުންތެރިންނަށް ގެނެސްދީފަ އެވެ. ރާއްޖޭގައި މިވަގުތު އަދުގެ ދުނިޔެ ކަވަރުކުރުމުގައި ނިއުމަތު ކަހަލަ ނޫސްވެރިން ވަރަށް ނުފެންނާނެ އެވެ. ދުނިޔޭގައި ހިނގާ ކަންކަން ދުވަހުން ދުވަހަށް ކިޔައި، އޭގެ އިތުރު މައުލޫމާތު ހޯދުމަށް ނިއުމަތު ދޭ ސަމާލުކަން ވަރަށް ބޮޑެވެ.ހަވީރުގެ ފޮރިން ޑިޕާޓްމަންޓަށް ނިއުމަތު ވަތް އިރު އޭނާގެ އާއިލާއާ ނޫސްވެރިކަމާ ގުޅުންތަކެއް އެބަ ހުއްޓެވެ. އެގޮތުން ނިއުމަތުގެ އެއްބަނޑު އެއްބަފާ ބޭބެ ނަސްރުﷲ އިދުރީސް އަކީ ރާއްޖެ ރޭޑިއޯގެ މަޝްހޫރު ޕްރެޒެންޓަރެކެވެ.ބަހުން ބަހަށް ޚަބަރުތައް ތަރުޖަމާކުރުމަކީ ނިއުމަތުގެ އުސޫލެއް ނޫނެވެ. އޭގެ ބަދަލުގައި ބައެއް ޚަބަރުތައް އޭނާ ތައްޔާރުކުރަނީ ދިވެހި މާހައުލާއި ދިވެހިންގެ މިޒާޖަށް ބަލާފަ އެވެ. ދުވާލަކު އެތައް ހާސް ޚަބަރަކާއި ފޮޓޯތައް އޭއެފްޕީން އަންނަ އިރު އޭގެ ތެރެއިން ރާއްޖެ އަށް އެންމެ ކަމުދާ އަދި ގުޅޭނެ އެއްޗެހި ހޮވާލުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އެކަމަކު ނިއުމަތުﷲ އެކަން ކުރަނީ ވަރަށް ފަސޭހަކަމާ އެކު އަދި އެހާމެ ޝައުގުވެރިކަން ބަހައްޓައިގެންނެވެ.މިދިއަ އަހަރަށް ބަލާއިރު ޕާކިސްތާނުގެ އަންހެން ފޮރިން މިނިސްޓަރާ ބެހޭ ގޮތުން އޭނާ ލިއުނު "އިންޑިއާގެ ލޯބި ހޯދި ޕާކިސްތާނުގެ ރީތި މިނިސްޓަރު" ވެފައިވަނީ އޮންލައިނުން އެންމެ ގިނަ މީހުން ކީ ބޭރު ޚަބަރަށެވެ. އެގޮތުން ހަމައެކަނި އޮންލައިނުން ވެސް ވިހި ހާހަށް ވުރެ ގިނަ މީހުން ކިޔާފައިވެ އެވެ.ނިއުމަތަކީ ހަމައެކަނި ބޭރު ޚަބަރަށް ޚާއްސަ ނޫސްވެރިއެއް ނޫނެވެ. ހަވީރު އޮންލައިން ބެލެހެއްޓުމުގައި ވެސް އިސް ދައުރެއް އަދާކުރެ އެވެ. އަދި ޝަރުއީ ބައެއް މައްސަލަތައް ވެސް އޭނާ ކަވަރުކުރެ އެވެ.ނޫސްވެރިންގެ ބުރަ މަސައްކަތުގައި ނިއުމަތުގެ ވަރަށް ޚާއްސަ، އަދި އެހާމެ މުހިންމު އެހެން ސިފައެއް ވެސް ވެ އެވެ؛ ވަގުތަށް، ބަރާބަރަށް މަސައްކަތް ނިންމުމެވެ. އޭނާގެ ކޮލަމް ވެސް، އެޑިޓޯރިއަލް ލިއާ ދުވަސްދުވަހު ވެސް ނިއުމަތު އެކަން، އެހެން ނޫސްވެރިންނަށް ވުރެ ބަރާބަރަށް ފުރިހަމަކުރެ އެވެ. އެހެންކަމުން އޭނާއާ ހަވާލުކުރާ މަސައްކަތެއް ގަޑިއަށް ނުނިންމައިގެން އެއްވެސް އެޑިޓަރަކަށް ހާސްވާކަށް ނުޖެހޭނެ އެވެ."ކޮންމެ އޮފީހެއްގައި ވެސް ހުންނާނެ ވަގުތުން ވަގުތަށް މަސައްކަތް ނިންމާ މީހަކު. އެވާނީ އެ އޮފީހުގެ ނަމޫނާ މުވައްޒަފަކަށް،" ހަވީރުގެ ސީނިއަ އެޑިޓަރަކު ބުންޏެވެ. "ނިއުމަތަކީ އެކަހަލަ ނޫސްވެރިއެއް. މިއަދު ވަކި ކަމެއް ހަވާލުކޮށްފައި މާދަމާ ނިންމާށޭ ބުންޏަސް އޭނާ ޖެހިލުމެއް ނުވާނެ. އާއެކޭ ބުނެފިއްޔާ އޭގެ މާނަ އަކީ އެކަން އޮންނާނީ ނިމިފައޭ.""ހަވީރު" ގެ އަހަރީ ދުވަސް ފާހަގަކުރާ އިރު ނިއުމަތުﷲ ހުރީ އޭނާގެ އުފަން ރަށް ހއ. އުލިގަމުގަ އެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ނޫސްވެރިޔަކު އުލިގަމަށް ނިސްބަތްވުމަކީ ރަށު ރައްޔިތުން އުފާކުރަން ޖެހޭވަރުގެ ކަމެކެވެ.މުހައްމަދު ހަމްދޫން: ކުރިމަގު ފަހިވާ ފަދަ މަސައްކަތު އަޚުލާގެއްމިޒަމާނުގައި ޒުވާންވުމުގެ މާނަ އަކީ އޮފީހަށް ގަޑި ޖެހިގެން އައުމާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަވުމާއި ބުރަކޮށް މަސައްކަތް ނުކުރުން ކަމަށް، މިހާރުގެ ހަރު މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ހަވީރުގެ އެންމެ ޒުވާން ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި ކުޅިވަރު ރިޕޯޓަރު މުހައްމަދު ހަމްދޫނުގެ މަސައްކަތު އަޚުލާގު ނަގަން ޖެހެނީ އެއަށް ވުރެ މާ މަތިންނެވެ.ކޮންމެ ދުވަހަކު ވެސް އެންމެ ފުރަތަމަ ނިއުސް ރޫމަށް ވަންނާނެ އެކަކީ ހަމްދޫނެވެ. ދެ ހަމްދޫން އުޅޭތީ ނިއުސްރޫމްގައި މުހައްމަދު ހަމްދޫނަށް "ހަމްޓޫ" އޭ ވެސް ކިޔަ އެވެ. އޭނާ ކުރަން ޖެހޭ މަސައްކަތްތަކަށް ބަހައްޓާ ފަރުވާތެރިކަމުން، މިއީ ހަވީރުގެ ނިއުސް ޓީމަށް ލިބުނު ރަނގަޅު ޒުވާނެއް ކަމަށް ސީނިއަ އެންމެން ވެސް ގަބޫލުކުރެ އެވެ."ހަމްދޫނަކީ ވަރަށް ހީވާގި ނޫސްވެރިއެއް،" ސީނިއަ އެޑިޓަރަކު ބުންޏެވެ. "އޭނާ ކުރާ އެއްވެސް ކަމެއްގައި ފަރުވާކުޑަކަމެއް ނުބަހައްޓާ."ހަވީރުގައި ކުޅިވަރު ޚަބަރުތައް 2011 ގައި އެންމެ ގިނައިން ލިއެފައި ވަނީ ހަމްދޫނެވެ. އެގޮތުން އޭނާ  700އާ ގާތްކުރާ އަދަދަށް ކުޅިވަރުގެ ޚަބަރު ލިއެފައިވެ އެވެ.ދުނިޔޭގެ ކުޅިވަރާއި ރާއްޖޭގެ ކުޅިވަރުގެ ތެރެއަށް އޭނާ މިހާރު ވަނީ ރަނގަޅަށް ވަދެފަ އެވެ. މައުލޫމާތުގެ މުއްސަނދިކަން އަންނަނީ ބޮޑުވަމުންނެވެ. އަދި ދިވެހި ކުޅިވަރުގެ މީހުންނާ އެކު ރަނގަޅު ގުޅުމެއް ވެސް އުފެދެމުން އެބަ އާދެ އެވެ. އެކި މީހުންނާ އެކު ބާއްވަން ޖެހޭ ގުޅުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު އެއް ބަޔަށްވެ އެވެ. އެހެންކަމުން އޭނާ އަށް ޒާތީ ފެންވަރެއްގައި ކުޅިވަރުގެ ތަރިންނާއި އޮފިޝަލުންނާ އެކު ގުޅުން ގާއިމްކުރެވޭ ވަރަކަށް ލިޔެވޭނެ އެއްޗެހި ގިނަވާނެ އެވެ.މިމަހު ނިއު ދިއްލީގައި އޮތް ސާފް ޗެމްޕިއަންޝިޕް ކަވަރުކުރުމުގައި ހަމްދޫން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކޮށްފަ އެވެ. އެ މުބާރާތާ ބެހޭ ގޮތުން އޭނާގެ ވަރަށް ގިނަ އަދަދެއްގެ ލިއުންތައް ހަވީރުގެ ކިއުންތެރިން ވާނީ ކިޔާފަ އެވެ. މުބާރާތާ ގުޅޭ އެއްވެސް ކަމެއް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެހެންކަމުން އެންމެ ކުޑަވެގެން މުބާރާތުގެ މެޗުތައް ޓެން ސްޕޯޓްސް އިން ގެނެސްދިން އިރު އިނގިރޭސި ބަހުން ކޮމެންޓްރީ ދިން ތަޖުރިބާކާރު ކޮމެންޓޭޓަރުގެ ޚާއްސަ އިންޓަވިއު ވެސް އޭނާ ލިއުނެވެ. އެއީ ވަރަށް ޝައުގުވެރިވި ލިއުމެކެވެ."މިހާރު އޭނާ މަސައްކަތްކުރާ ގޮތަށް ކުރިއަށް ހިނގައްޖެ ނަމަ ވަރަށް ރަނގަޅުވާނެ. މުސްތަގުބަލް އަލި ނޫސްވެރިއެއް ހަމްދޫނަކީ،" ސ. ހުޅުދު އަށް އުފަން ރިޕޯޓަރާ މެދު ހަވީރުގެ ސީނިއަ ނޫސްވެރިޔަކު ބުންޏެވެ. "އޭނާގެ ޒުވާންކަމާ އަޅާބަލާ އިރު ހުރިހާ ގޮތަކުން ވެސް ހަމްދޫން ފާހަގަކުރެވޭ."މުހައްމަދު އަފްރާހު: ވިޔަފާރީގެ ޚަބަރުތަކުގެ ކުރީގައި"ހަވީރު" ގެ ވިޔަފާރިއާ ބެހޭ ސަފުހާތަކަކީ ރާއްޖޭގެ އިގުތިސާދީ ދުވެއްޔާ ބެހޭ މައުލޫމާތުތައް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ ވަސީލަތެކެވެ. ވިޔަފާރިއާ ބެހޭ ކުދިކުދި ޚަބަރުން ފެށިގެން ސީދާ ރައްޔިތުންނާ ގުޅުން ހުރި ގިނަ މައުލޫއުތަކެއް ކަވަރުކުރެވެ އެވެ. މިކަމުގައި 2011 ގައި އަފްރާހު ވަނީ ބޮޑު ހިއްސާއެއް ވެފަ އެވެ. ވިޔަފާރީގެ ދާއިރާ އިން އޭނާ 500 އާ ގާތްކުރާ އަދަދަކަށް ލިއެފައި އެބަ ހުއްޓެވެ.އަފްރާހަކީ ވަރަށް ޒުވާން ނޫސްވެރިއެކެވެ. ވިޔަފާރި ކަހަލަ ބޮޑު ދާއިރާއަކާ ބެހޭ ގޮތުން ލިބިގަންނަން ޖެހޭ ގިނަ މައުލޫމާތުތަކުގެ ތެރެއަށް އަދި ވަންނަމުން އަންނަ ރިޕޯޓަރެކެވެ. އެކަމަކު އޭނާއާ ހަވާލުކުރާ ވިޔަފާރީގެ މައުލޫއުތަކާ ބެހޭ ގޮތުން ލިއެ، ކިއުންތެރިންނާ ހަމައަށް ގެންނަން ކުރާ މަސައްކަތް ރަނގަޅެވެ. އަދި ބައެއް ފަހަރަށް އޭނާގެ ސުރުޚީތައް ކިއުންތެރިންގެ ސަމާލުކަން އަތުލާގަނެ އެވެ.އަހުމަދު ނަދީމް: ތަފާތު ޚިޔާލުތަކެއް، އުފެއްދުންތެރިއެއްފިލްމީ ދާއިރާގެ ގިނަ މީހުން އޭނާއާ މެދު ހިތްހަމައެއް ނުޖެހެ އެވެ. ފިލްމަކާ ބެހޭ ގޮތުން އޭނާ ލިއެފާނެ އެއްޗަކާ މެދު އެމީހުން ކަންބޮޑުވެ އެވެ. އެކަމަކު އަހުމަދު ނަދީމަށް މައްސަލައެއް ނެތެވެ. އޭނާ ވަނީ ހަވީރުގެ މުނިފޫހިފިލުވުމުގެ ބައިގައި ފޯރި ހިއްޕާލާފަ އެވެ. މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާގެ ދެމަފިރިންގެ ލޯބީގެ ރިޕޯޓް "އޯކިޑް ލޯބި: ކިޑީ އާއި ހަމީޝްގެ ވާހަކަ" އަކީ 2011 ގައި ހަވީރުގެ އެންމެ ގިނަ މީހުން ކިޔާފައިވާ މުނިފޫހިފިލުވުމުގެ ލިއުމެވެ. އެއީ ނަދީމްގެ ލިޔުމެކެވެ.ނަދީމު އަންނަނީ އަދުގެ ދުނިޔޭގެ ޑިޕާޓްމަންޓްގައި ނިއުމަތުގެ ދަށުން ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ހޮލީވުޑްގެ ޚަބަރުތަކާއި ދިވެހި ފިލްމީ ޚަބަރުތަކުގެ އިތުރުން އޭނާ އަކީ ވަރަށް ތަފާތު އަދި އުފެއްދުންތެރި ކުރުވާހަކަ ލިއުންތެރިއެއް ވެސް މެ އެވެ.ފާތުމަތު އަނީސާސީދާ ނޫސްވެރިކަމުގެ މަސައްކަތުގައި ނޫޅުނަސް ނިއުސް ރޫމަކުން ބައެއް މީހުންގެ ނަންތައް ލިއުންތެރިންގެ ގޮތުގައި ފާހަގަކުރެވެ އެވެ. ފާތުމަތު އަނީސާ އަކީ އޭގެ ތެރެއިން އެކެކެވެ. ހަވީރަށް އަނީސާ ވަނީ 1989 ގެ ފަހުކޮޅު ޓައިޕިސްޓެއްގެ ވަޒީފާ އަށެވެ. އެކަމަކު އޭނާ އަންނަނީ ހިންދީ ފިލްމާއި އަންހެނުންނާ ބެހޭ ކަންކަމުގައި ލިއަމުންނެވެ. އެގޮތުން އަނީސާ ހަވީރުގެ ލިއުންތެރިއެއްގެ ގޮތުގައި ނަން ޖެހިގެން އަންނަތާ މިހާރު 15 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.އިންޑިއާގެ އަވަށްޓެރި ގައުމަކަށް ރާއްޖެ ވުމުން އިންޑިއާގެ ފިލްމުތައް ރާއްޖޭގައި ވަރަށް މަޝްހޫރެވެ. އިނގިރޭސި ނެގުމަށް ފަހު ރާއްޖޭގައި އެންމެ ގިނަ މީހުންނަށް އެނގޭނެ ބޭރު ބަހަކަށް ވާނީ ވެސް ހިންދީ އެވެ. އެހެންކަމުން ހިންދީ ފިލްމުތަކާ ބެހޭ މައުލޫމާތު ކިއުންތެރިން ބޭނުންވެ އެވެ. އެކަން ކޮށްދެނީ އަނީސާގެ ލިއުންތަކުންނެވެ. އަދި އޭނާގެ އެހީތެރިކަން ބޭނުން ކޮންމެ ފަހަރަކު ހަވީރުގެ މުނިފޫހިފިލުވުމުގެ ބަޔަށް ބޭރުގެ ޚަބަރުތައް ތަރުޖަމާކޮށްދެނީ ޝަކުވާއެއް ނެތި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ