ހިދުމަތްތައް ރައްޔިތުން ބަލައިގަންނަކަން އިންތިހާބުތަކުގެ ނަތީޖާއިން ސާފުވޭ: ޑރ. ޑީޑީ

ފަހަކަށް އައިސް ބާއްވާ ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުން އެމްޑީޕީ އަށް ކާމިޔާބުވަމުން ދިއުމުން އެނގެނީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ރައްޔިތުން ބަލައިގަންނަކަން ކަމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ބޭއްވި ހަތަރު ބައި އިލެކްޝަންގެ ތެރެއިން ތިން އިންތިހާބު ކާމިޔާބު ކާމިޔާބުކުރީ އެމްޑީޕީންނެވެ. އެއީ އއ. މަތިވެރި ރަށު ކައުންސިލުން ހުސްވެފައިވާ ގޮނޑި އާއި މިލަންދޫ ގޮނޑީގެ އިތުރުން އިއްޔެ ބޭއްވި ފިއްލަދޫ ކައުންސިލްގެ އިންތިހާބެވެ. އެމްޑީޕީ އަށް ގެއްލުނީ ފުވައްމުލަކު މެދު ދާއިރާގެ ކައުންސިލް އިންތިހާބު އެކަންޏެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން އެ ގެންދަނީ ސަރުކާރުން ދޭ ހިދުމަތްތަކުގެ އަގު ވަޒަން ކުރަމުން. އޭގެ ނަތީޖާ މިދަނީ އިލެކްޝަންތަކުން އެމްޑީޕީއަށް ފެންނަމުން. މިސާލަކަށް ފިއްލަދޫ އަށް ބަލާއިރު އެގްރިކަލްޗަ މިނިސްޓްރީގެ ދަނޑުވެރިކަމުގެ ގިނަ މަސައްކަތްތަކެއް އެ ރަށުގައި އެބަ ކުރިއަށް ގެންދޭ. އޭގެ ސަބަބުން ފިއްލަދޫގެ ގިނަ ޒުވާނުންތަކަކަށް ވަނީ ވަޒީފާގެ ފުރުސަތު ފަހިވެފައި. އެކަންކަން ރައްޔިތުން ބަލައިގަންނަކަން އަޅުގަނޑުމެންނަށް ނަތީޖާތަކުން މިދަނީ ސާފުވަމުން،" ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓަރުކަން ވެސް ކުރައްވާ ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ފަސް ވައުދުގެ ތެރެއިން ބޭސްފަރުވާ އަށް ސަލާން ޖެހުން ހުއްޓުވުމަށްޓަކައި، ހިލޭ ބޭސްކުރެވޭނެ ގޮތް ފަހިވުމަކީ ވެސް ސަރުކާރާއި އެ ޕާޓީ އަށް ލިބޭ ޕްލަސް ޕޮއިންޓެއް ކަމަށެވެ. އަދި އެކަން ރައްޔިތުން ބަލައިގަންނަނީ ވަރަށް ފަހުރުވެރިކަމާ އެކު ކަމަށް ވެސް ޑރ. ވިދާޅުވި އެވެ.
"އިންތިހާބުތަކުން ކާމިޔާބު ލިބޭ އަނެއް ސަބަބަކީ، ޕާޓީ ތެރޭގައި އޮންނަ އެއްބައިވަންތަކަމުގެ ރޫހު. އެކަން މިހާރު އެމްޑީޕީ ތެރެއިން ވަރަށް ރަނގަޅަށް އެބަ ފެނޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިހާބުތަކުން ވެސް އެ އެއްބައިވަންތަކަން ފެންނާނެ،" އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ