ކަރަންޓް ދޫކުރާނެ ގަޑިތައް ލަންކާއިން އިޢްލާން ކޮށްފި

މިދިޔަ އާދީއްތަ ދުވަހު މުޅި ސްރީލަންކާއިން ކަރަންޓް ކަނޑައިގެންދިޔަ ހާދިސާއަށްފަހު، ދޭތެރެ ދޭތެރެއިން ކަރަންޓް ދޫކުރާނެ ގަޑިތައް ކަނޑައަޅައި ސްރީލަންކާ ސަރުކާރުން އިޢްލާން ކޮށްފިއެވެ.
ސަރުކާރުގެ ކަރަންޓާބެހޭ މައި ކުންފުނި، ދަ ސިލޯން އިލެކްޓްރިސިޓީ ބޯޑުން މިއަދު ބުނެފައިވަނީ، ކޮންމެ ދުވަހަކު ހަތްގަޑިއިރާއި ބަޔަށް އަދި ފަސްގަޑިއިރާއި ބަޔަށް އަދި ރޭގަނޑުގެ ވަގުތުތަކުގައި ކޮންމެ ރެއަކުވެސް ދެގަޑިއިރަށް ކަރަންޓް ކަނޑާލެވޭނެ ކަމަށެވެ.
އާދީއްތަ ދުވަހު މުޅި ސްރީލަންކާއިން ކަރަންޓް ކަނޑައިގެންދިޔައީ، ވެރިރަށް ކޮޅުނބުގެ ރަށްބޭރުގައި ހުންނަ މައި ޑިސްޓްރިބިއުޝަން ސެންޓަރުގައި އެއްޗެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. މިހާދިސާއާ ގުޅިގެން މުޅި ސްރީލަންކާއިން ހަތްގަޑިއިރަށް ކަރަންޓް ކަނޑައިގެން ދިޔައެވެ.
ސިލޯން އިލެކްޓްރިސިޓީ ބޯޑުން ބުނެފައިވަނީ، އެއްޗެއް ގޮވުމުގެ ސަބަބުން ސްރީލަންކާގެ ބޮޑު ބަޔަކަށް ކަރަންޓް ދޫކުރާ އިންޖީނުގޭގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށެވެ. މިއީ 900 މެގަވޮޓްގެ ކަރަންޓް ދޫކުރާ އަދި ބޯޓުދެލި އަންދައިގެން ހިންގާ އިންޖީނު ގެއެކެވެ. މިއީ 2014 ވަނަ އަހަރު ޗައިނާއިން ހަދައިދީފައިވާ އިންޖީނު ގެއެކެވެ.
"ކަރަންޓް ދޫކުރާ ސްޓޭޝަންތަކުގެ މަސައްކަތް އަލުން ފެށުމަށް އިތުރު ދުވަސްތަކެއް ނަގާނެ. މާނައަކީ މުޅި ސްރީލަންކާއަށް ދޫކުރާ ކަރަންޓްގެ މިންވަރު ލިމިޓް ކުރަންޖެހޭކަން" ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ. ނަމަވެސް މިކަން ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
ސްރީލަންކާގެ އެކި ހިސާބުތަކަށް މިހާރު ކަރަންޓް ދޫކުރަމުންދަނީ ކުދި ކުދި އިންޖީނުގެ ތަކުންނެވެ.
އިންޖީނު ގޭގައި އެއްޗެއް ގޮވުމާއި، އަލިފާން ރޯވި ހާދިސާ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ތަހްގީގު ކުރަމުންނެވެ. ސްރީލަންކާގެ ޕަވަރ އެންޑް އެނަރޖީ މިނިސްޓަރ ރަންޖީތު ސިޔަމްބަލަޕިޓިޔާ ވިދާޅުވީ، މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ނޫންކަމަށް އަދި ކަނޑަނާޅާ ކަމަށެވެ.
2014 ވަނަ އަހަރު ޗައިނާއިން ހެދި އިންޖީނު ގެއިން ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް 35 ފަހަރު މަސައްކަތް ހުއްޓިފައިވާކަމަށް ވިދާޅުވެ ސްރީލަންކާގެ ކަރަންޓާބެހޭ ކުރީގެ ވަޒީރަކު ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިވެސް ކުރައްވާފައެވެ.
މިދިޔަ އާދީއްތަދުވަހު އިންޖީނު ގޭގައި އެއްޗެއް ގޮވައި، ކަރަންޓް ކަނޑައިގެން ދިއުން ވެފައިވަނީ ފައިތުވީ މަސްދުވަހުގެ ތެރޭގައި މިގޮތަށް ކަރަންޓް ކަނޑައިގެންދިޔަ ދެވަނަ ފަހަރަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުވެސް މުޅި ސްރީލަންކާއިން 3 ގަޑިއިރަށް ކަރަންޓް ކަނޑައިގެން ދިޔައެވެ. އެފަހަރު ކަރަންޓް ކަނޑައިގެންދިޔައީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖޯން ކީ ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަދި ކަރަންޓް ކަނޑައިގެން ދިޔައީ، ސްރީލަންކާއަކީ އޭޝިޔާގެ ވިދަމުން ބަބުޅަމުން އަންނަ ތަރިކަމަށް ވިދާޅުވެ ޖޯން ކީ ވާހަކަފުޅުވެސް ދެއްކެވި ފަހުންނެވެ.
މިދިޔަ އާދީއްތަދުވަހު ހަތްގަޑިއިރަށް ކަރަންޓް ކެނޑުމަކީ 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެންމެ ގިނަ އިރަށް މުޅި ގައުމުން ކަރަންޓް ކަނޑައިގެންދިޔަ ފަހަރެވެ. 1996 ވަނަ އަހަރު ކަރަންޓްގެ ޚިދުމަތް އެއްވެސް ގޮތަކަށް ނެތި ސްރީލަންކާ ހަތަރުދުވަސް ހޭދަކޮށްފައި ވެއެވެ.
އިންޖީނު ގޭގައި އެއްޗެއް ގޮވައި މިފަހަރު ކަރަންޓް ކަނޑައިގެން ދިއުމުން ސްރީލަންކާގެ ރައީސް މައިތުރިޕަލަ ސިރިސޭނާގެ އަމުރުފުޅަށް، ކަރަންޓްގެ ޚިދުމަތާ ގުޅިފައިވާ ތަންތަނުގެ ސަލާމަތީ ފިޔަވަޅުވެސް މިހާރުވަނީ ވަރުގަދަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ