ލޮކްޑައުންގެ ތެރޭގައި ކަރަންޓް ކަނޑާލަފާނެ ކަމުގެ ބިރެއް ނެތް

ކޮވިޑް-19 އިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން އިއުލާން ކޮށްފައިވާ މި ލޮކްޑައުން ތެރޭގައި ބިލް ނުދެއްކުނަސް ކަރަންޓު ނުކަނޑާނެ ކަމުގެ ޔަގީންކަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ދީފިއެވެ.ސްޓެލްކޯ އިން މިރޭ ނެރުނު ބަޔާނުގައި ބުނިގޮތުގައި، މާލޭގެ އިތުރުން ލޮކްޑައުންކޮށްފައިވާ އެހެން ރަށެއްގައި ވެސް މާލީ ދަތިތަކާ ހެދި ބިލް ނުދެއްކި ތިބި މީހުންގެ ޚިދުމަތް ކަނޑައެއް ނުލާނެ އެވެ. މިގޮތަށް ނިންމީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި، ކަރަންޓަކީ ޒަރޫރީ ބޭނުމަކަށް ވެފައި ޚިދުމަތް މެދުކަނޑާލައިފި ނަމަ ދިމާވާނެ އުނދަގޫތަކަށް ބަލައިފަ އެވެ. ސްޓެލްކޯއިން ދަނީ ބިލްތައް ފޯނަށް އެސްއެމްއެސްއެއް މެދުވެރިކޮށް ފޮނުވަމުންނެވެ. ބިލް ދެއްކުމަށް އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރުމަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންނަށް އިރުޝާދު ދީފަ އެވެ.ބިލްތައް ނުދައްކާ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް އައުޓްސްޓޭންޑިންގ ނުވަތަ ނުދެއްކެވި އޮތް އަދަދު އެސްއެމްއެސްގެ ޒަރީއާއިން ފޮނުވަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތަށް ފޮނުވާފައިވަނީ ގިނަ ފަރާތްތަކުން ނުދެއްކިވާ ބިލްތަކުގެ ތަފްސީލު ހޯދުމަށް އެދެމުންދާތީ ކަމަށް ސްޓްލްކޯއިން ފާހަގަކުރެ އެވެ.މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދިގެން ހިނގައިދާނެ ފަދަ ހަބަރުތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ. ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޭޕްރީލް އަދި މެއި މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ