މޫދަށް ކުނި އެޅުމުގެ ބަދަލުގައި އެ ކުނި ބޭނުންކޮށްގެން ބަޔޯގޭސް އުފެއްދިދާނެ: ނަޝީދު

ރިސޯޓްތަކުން މޫދަށް ކުނި އެޅުމުގެ ބަދަލުގައި އެ ކުނި ބޭނުންކޮށްގެން ބަޔޯގޭސް އުފެއްދުން މާ ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލަ ހައްލުކުރުމަށްޓަކައި ގަވައިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ޓުވީޓު، ރީޓުވީޓުކުރައްވައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ރާއްޖޭގެ ރިސޯޓުތަކުގެ އަދަދު އިތުރުވަމުންދާ އިރު، މޫދަށް ކުނިއެޅުމުގެ މައްސަލަ އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. ނަމަވެސް މޫދަށް ކުނި އެޅުމަށް ވުރެ ރަނގަޅު ގޮތްތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"މިސާލަކަށް ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމާއި، ބަޔޯގޭސް އުފެއްދުން ފަދަ ކަންކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފަތުރުވެރިން ރާއްޖޭއަށް ޗުއްޓީ ހޭދަކުރުމަށް އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ކަމަށާއި ނަމަވެސް ދިވެހިންގެ އަމިއްލަ އަތުން ރާއްޖޭގެ ރީތިކަމަށް ގެއްލުން ދެމުންދާ ކަމަށެވެ.
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރާއްޖޭގެ ބައެއް ރިސޯޓުތަކުން 389 ޓަނުގެ ކުނި އުފައްދާ ކަމަށާއި އޭގެ ތެރޭގައި ކުނިވާ ޒާތުގެ ގާތްގަނޑަކަށް 233 ޓަނުގެ ކުނި ދުވާލެއްގެ މައްޗަށް އުކާލާ ކަމަށެވެ. ރިސޯޓުތަކަށް ކުނިވާ ޒާތުގެ އެއްޗެހި ކަނޑުގެ ފުން ސަރަހައްދުތަކަށް އުކާލުމުގެ ހުއްދަ ލިބިފައިވީ ނަމަވެސް މިހާރު ކުނި އަޅަމުން ދަނީ ގުދުރަތީގޮތުންވެސް ގެއްލުން ވަމުންދާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރިސޯޓްތަކުން މޫދަށް ކުނިއަޅާ މައްސަލަ ބޮޑުވެ، ކަމާބެހޭ އިދާރާތައް ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ، އެމްކޯ، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި މަޓީ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން 2006 ވަނަ އަހަރު ގެޒެޓު ކުރި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު"ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ