ބޮން ގޮއްވި މީހުންނަށް އަދަބު ދިނުން އަވަސް ކުރުމަށް މައުމޫން ގޮވާލައްވައިފި
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ކަންކަން ރާވައި އެކަމުގައި ބައިވެރިވި އެންމެން ހޯދައި، ޝަރީއަތުގެ ކުރި މައްޗަށް ހާޒިރުކޮށް، އެ މީހުންނަށް ދޭން ޖެހޭ ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ ފުރާނަފުޅަށް ގެއްލުންވާ ފަދަ ކަންކަން ކުރުމަކީ އިސްލާމް ދީނާއި ގާނޫނު އަސާސީގައި ވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހުންނަވާ ބޭފުޅަކާ މެދު ހިތްހަމަނުޖެހޭ ނަމަ މަގާމުން ވަކިކުރާ ގޮތް ގާނޫނު އަސާސީގައި ލިއެފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ލިޔެފައި އޮތް ނަމަވެސް، އެމަނިކުފާނު ވެރިކަން ކުރެއްވި ދުވަސްވަރާއި އަދި ރައީސް ޔާމީން މިހާރު ވެރިކަމުގައި ހުންނެވި އިރުވެސް، ފުރާނަފުޅަށް ގެއްލުން ދީގެން ވެރިކަން ފޭރިގަންނަން މަސައްކަތް ކުރާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ބަޔާނުގައި މައުމޫނު ވިދާޅުވީ، ރައްޔިތުން އިންތިހާބުކުރާ ވެރިއަކާ މެދު ނުރުހޭ މަދު ބަޔަކު ތިބި ނަމަވެސް ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ނިންމާ ނިންމުމަށް އިހްތިރާމްކުރުމަކީ ޑިމޮކްރަސީގެ އަސާސް ކަމަށެވެ. އަދި ރިޔާސީ ލޯންޗުކޮޅުގެ ހާދިސާ ފަދަ ކަމެއް ހިންގައިގެން ގައުމު ފަސާދަވުމަށް އެއްވެސް ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިމަހު 17 ވަނަ ދުވަހަކީ ރައީސް ޔާމީންގެ ވެރިކަމަށް ދެ އަހަރު ފުރޭ ދުވަސް ކަމަށް ވާތީ އެމަނިކުފާނު ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ