ޖިހާދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލުކުރި މައްސަލަ އިސްތިއުނާފްކޮށްފި

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ ޖިހާދު ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ހައި ކޯޓުން ބާތިލުކުރުމާ ގުޅިގެން އެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ ދުވަހުގެ އަޑުއެހުމަކީ ޖިހާދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަށް އެދިފައިވާތީ، އެކަމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމެކެވެ.
މި މައްސަލައިގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުން ވަނީ ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށާއި އެ މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފި ނަމަ ފިލައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުބާއީ އާއި ރާއްޖެއާ ދެމެދު އެކްސްޓްރަޑިޝަން އެއްބަސްވުމެއް ނެތުމުން އޭނާ ފިލައިފި ނަމަ ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެވޭނެ ގޮތެއް ނޯންނާނެ ކަަމަށް ވެސް ދައުލަތުން ބުންޏެވެ.
އެދުވަހުގެ އަޑުއެހުމުގައި ދެފަރާތުން ދެކެވުނު ވާހަކަތަކަށް ބެއްލެވުމަށްފަހު، ޖިހާދު ފިލައިގެން ގޮސް، ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތުމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ޖިހާދަށް ނުދޭން އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ނިންމެވިއެވެ.
ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނީ، ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިދުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި ދައުލަތުން އޭނާ ފިއްލަވަން އުޅުއްވާ ކަމަށް ބުނެ ހުށަހެޅި ހެއްކަކީ ޖިހާދު ބޭރަށް ވަޑައިގަތުމަށް ނެންގެވި ޓިކެޓް ކަމަށާއި ނަމަވެސް އެ ޓިކެޓަކީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުނުއިރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކަށް ވާތީ އެ ލިޔުން ޖިހާދާ ދެކޮޅު ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން އެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ހައިކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި އަމުރު ބާތިލުކޮށް، އެގޮތުން މަތިން ހުކުމް ކުރީ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޖިހާދު ވިދާޅުވީ މިފަދަ މައްސަލަތައް އުފައްދައި، ދައުވާ ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިގޮތަށް ކަންތައް ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުން ވާނެ ކަމަށެވެ. އަދި މިފަދަ ގޮތްގޮތަށް މުއައްސަސާތަކުން އަމަލު ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް މިފަދަ ކަމެއް ދިމާވުމަށް ނޭދޭ ކަމަށް ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވީ މުއައްސަސާތަކުން ރައްޔިތުންނާ މެދު މިގޮތަށް އަނިޔާ ނުކުރުމަށް ގޮވާލާ ކަމަށާއި މިއީ ދިވެހި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި، ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މައްސަލަތައް އުފައްދައިގެން މީހުންނަށް ދައުވާ ކުރުމުން ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ