މައުމޫންގެ ދީނީ ޚާއްސަ މަޒުމޫންތަކެއް "ހަވީރު"ގައި

މާދަމާ ފެށޭ މި އަހަރުގެ ރޯދަމަހު "ހަވީރު"ގެ ދީނީ ސަފުހާ އަށް ކޮންމެ ހަފުތާއަކު ދީނީ މަޒުމޫނެއް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް ލިޔެދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު ވެސް ދީނީ ގޮތުން ވަރަށް ގިނަ އަދަދެއްގެ މަޒުމޫން ލިޔުއްވާފައިވާ އަދި ގިނަ ތަގުރީރުތަކެއް ދެއްވި މައުމޫންގެ ލިޔުއްވުންތައް ޝާއިއުކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އެވެ.
ރޯދަމަހުގެ ކޮންމެ ދުވަހަކު "ހަވީރު"ގައި އޮންނަ ދީނީ ސަފުހާގައި ރައީސް މައުމޫންގެ އިތުރުން، "ހަވީރު"ގައި ދީނީ މައުލޫއުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ލިޔުއްވަމުން ގެންދަވާ ސައުދުﷲ އަލީ އާއި ހަވީރުގައި އަލަށް ލިޔުއްވަން ފައްޓަވާ އަދި ގިނަ ބައެއްގެ މެދުގައި މަގްބޫލު ދީނީ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ އައްޝައިޚް މުހައްމަދު މޫސާ ވެސް ލިޔުއްވާނެ އެވެ.
ސައުދުﷲ އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީގައި ޕީއެޗް.ޑީ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. "ހަވީރު"ގެ ހަފުތާ ނަންބަރަށް އޭނާ ލިއުއްވަމުން ގެންދަވަނީ މެލޭޝިއާގައި ހުންނަވައިގެންނެވެ.
އައްޝައިޚް މުހައްމަދު މޫސާ އަކީ މިސްރުގެ އަޒުހަރު ޔުނިވަސިޓީން ޕީއެޗް.ޑީ އަށް ކިޔަވަމުންގެންދަވާ ބޭފުޅެކެވެ. އޭނާ ރާއްޖޭގައި މިހާރު މަސައްކަތްކުރައްވަނީ ޓީޗަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ