ކޯޓު އަމުރާ ގުޅިގެން ފުލުހުން ށ. އަތޮޅު ކައުންސިލް އިދާރާ ދޫކޮށްލައިފި

ށ. ފުނަދޫގައި ހުރި ކުރީގެ އަތޮޅު އޮފީސް އިމާރާތުގައި މިއަދު ހިންގަން ފެށި އަތޮޅު ކައުންސިލްގެ އިދާރާ އިން މީހުން ނުކުމެ ފުލުހުންނާ ތަން ހަވާލުކުރުމަށް އެންގުމަށް ފަހު، ކޯޓު އަމުރާ ގުޅިގެން ފުލުހުން އެތަން ދޫކޮށް ހިނގައްޖެ އެވެ.
އަތޮޅު ކައުންސިލް އިދާރާ އިން ބުނީ ކޯޓު އަމުރު ނެރުމާ ގުޅިގެން ފުލުހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި މަގުގައި ފުލުހުން ބެހެއްޓި ހުރަސްތައް ވެސް ނަގާފައިވާ ކަމަށާއި ފުލުހުން އައުމާ ގުޅިގެން އޮފީސް ދޮށަށް އެއްވި އާންމުން ވެސް އެ ސަރަހައްދު ދޫކޮށް މިހާރު ގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
މިއަދު މެންދުރު ފަހު 00: 3ގައި ފުނަދޫ ރަށު ކޯޓުގެ ސީނިއާ މެޖިސްޓްރޭޓް މުހައްމަދު އިސްމާއީލް ނެރުއްވާފައިވާ ކޯޓު އަމުރުގައި ދިވެހި ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ ށ. އަތޮޅު ކައުންސިލްގެ އިދާރާ ހިނގަމުންދާ ކުރީގެ އަތޮޅު އޮފީސް އިމާރަތަކީ ގާނޫނުން ކަނޑައަޅާފައިވާ ތަންތަން ކަމަށް ކަނޑައަޅައިދިނުމަށް ކަނޑައެޅިފައިވާތީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އަތޮޅު ކައުންސިލްގެ މަސައްކަތަށް ހުރަސް ނޭޅުމަށާއި ފުނަދޫގައި ހުރި ކުރީގެ އަތޮޅު އޮފީސް ހިންގި އިމާރާތުގައި މިހާރު ކުރިއަށްދާ އަތޮޅު ކައުންސިލްގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އެއްވެސް އަމަލެއް ކުރަމުންދާ ނަމަ، އެ އަމަލެއް މި ހިނދުން މި ހިނދަށް ހުއްޓައިލުމަށެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވީ ކޯޓު އަމުރަކަށް އެދުނީ، އަތޮޅު ކައުންސިލްގެ އިދާރާގެ މަސައްކަތް ހުއްޓާލައި އިދާރާ އިން މީހުން ނުކުމެ އެ އިދާރާ ފުލުހުންނާ ހަވާލުކުރުމަށް ފުލުހުން އަންގަމުން ދިއުމާ ގުޅިގެން، ކައުންސިލްގެ މަސައްކަތަށް ހުރަސްއެޅޭތީ ފުލުހުންގެ އެ އަމަލުތައް ހުއްޓުވައިދިނުމަށް އެދި އެވެ. އަދި އެ ގޮތަށް ކޯޓަށް ހުށަހެޅީ ފުލުހުންނާ އެކު ތަކުރާރުކޮށް ވާހަކަދައްކައިގެން ވެސް އެ ކަމަށް ހައްލެއް ނައުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަތުހީ ވިދާޅުވީ ށ. މިލަންދޫގައި އިއްޔެ ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ފާސްކުރި ގަރާރަކުން، އަތޮޅު ކައުންސިލްގެ އިދާރާ ށ. ފުނަދޫގައި ހިންގަން ނިންމުމާ ގުޅިގެން އެކަން އެ ގޮތަށް ނުކުރުމަށް ލޯކަލް ގަވަރްމެންޓް އޮތޯރިޓީން އެންގި ކަމަށެވެ. އަދި އެ އެންގުމަށް ފަހު، ފުނަދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ ތަޅުދަނޑިތައް ފުލުހުންނާ ހަވާލުކުރަން ފުލުހުން އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން މިއަދު ފުނަދޫގައި ކައުންސިލް އިދާރާ ހުޅުވައިގެން މަސައްކަތް ފެށުމާ އެކު، އެ ތަނަށް ފުލުހުން އައި ކަމަށާއި އެ އިދާރާ އިން މީހުން ނުކުމެ ތަން ފުލުހުންނާ ހަވާލުކުރުމަށް ތަކުރާރުކޮށް އެންގި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި މުގުރާއި ޝީލްޑް ހިފައިގެން 40 އަށް ވުރެ ގިނަ ފުލުހުން އައިސް، ކައުންސިލް އިދާރާ ކައިރީގައި ތިބި މީހުން އެ ސަރަހައްދުން ދުރަށް ދިއުމަށް އެދުނު ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ވެސް ފަތުހީ ވިދާޅުވި އެވެ.
"އިއްޔެ އަޅުގަނޑުމެން މިލަންދޫގައި ބޭއްވި ބައްދަލުވުމުގައި ފާސްކުރި ގަރާރުގެ ކޮޕީއެއް ލޯކަލް ގަވަރްމެންޓް އޮތޯރިޓީ އަށް ފޮނުވީމާ އެ ތަނުން ފޮނުވީ ޖަވާބުގައި ސިޓީއެއް. އޭގައި މި އޮންނަނީ ކައުންސިލް އިދާރާ ފުނަދު އަށް ބަދަލުނުކުރެވޭނެ ކަމަށާއި ބަދަލުކޮށްފި ނަމަ، ކައުންސިލް އުވައިލުމަށް ހައި ކޯޓަށް ހުށަހަޅަންޖެހިދާނެ ކަމަށް. ދެން އޭގެ ފަހުން ފުލުހުން އަޅުގަނޑާ ބައްދަލުކުރި ފަސް ފަހަރެއްގެ މަތިން. [ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް] މުހައްމަދު ރިޝްވާން ވެސް ރޭގައި ގުޅުއްވާފައި ވިދާޅުވި، ހޯމް މިނިސްޓްރީން އަންގާފައޭ ވަނީ އަތޮޅު އޮފީސް ބަންދުކުރުމަށް. އެ ނޫން ގޮތެއް މިވަގުތު ނެތޭ. ފަހުން ސަރުކާރާ ވާހަކަ ދައްކައިގެން އެ ކަން ހައްލުކުރާށޭ،" މޫސާ ފަތުހީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލް އުވައިލާނެ ކަމަށް ލޯކަލް ގަވަރްމެންޓް އޮތޯރިޓީން އިންޒާރު ދިން ނަމަވެސް، ގާނޫނާ އެއްގޮތަށް ކައުންސިލްގެ އިދާރާ ހިންގުމަށް ކައުންސިލްގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކުރި ގަރާރާ އެއްގޮތަށް އަމަލުކުރާނެ ކަމަށް އެ އޮތޯރިޓީ އަށް އަންގާފައިވާނޭ ކަމަށެވެ. އަދި އޮތޯރިޓީގެ އެ އެންގުމާ މެދު ބަހުސްކުރުމަށް ކައުންސިލްގެ ބައްދަލުވުމަކަށް އެޖެންޑާކުރާނެ ކަން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއަ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ފުލުހުން ކ. ތުލުސްދު އާއި ށ. ފުނަދޫގައި ހުރި އަތޮޅު ކައުންސިލްގެ އިދާރާގެ ތަޅުދަނޑި ހޯދައި އެ ތަންތަން ފުލުހުންނާ ހަވާލުކުރަން އެންގީ ހޯމް މިނިސްޓްރީގެ އެންގުމުގެ މަތިން ކަމަށާއި އެ ތަޅުދަނޑިތައް ވާނީ ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރަންޖެހުނީ ތުލުސްދު އާއި ފުނަދޫގައި ހުރި ކުރީގެ ދެ އަތޮޅު އޮފީހާއި އެ ދެ ތަނުގައި ހުރި ތަކެއްޗަކީ މިހާރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ދައުލަތުގެ ތަކެތި ކަމަށްވާތީ އެ ތަކެތި ހިމާޔަތްކުރުމުގެ ގޮތުން ކަމަށެވެ.
ށ. އަތޮޅުގެ ވެރިކަން އެ އަތޮޅު ފުނަދޫގައި ކުރަމުން އަންނަނިކޮށް، އެ އަތޮޅު މިލަންދު އަށް ސަރުކާރުން ވެރިކަން ބަދަލުކުރީ އޮކްޓޫބަރު ،26 2009ގަ އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ ކޮންމެ އިދާރީ ދާއިރާއެއްގެ މަރުކަޒީ ރަށްކަމުގައި ވާނީ އަދި އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ގާއިމުކޮށް ހިންގަންވާނީ، އޮގަސްޓް ،7 2008 ގައި އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު، އެ އަތޮޅެއްގައި ވެރިކަންކުރަމުން އައި ރަށުގައި ކަމަށާއި އަދި އަތޮޅުގެ ވެރިރަށުގައި ހުރި އަތޮޅު އޮފީހުގެ އިމާރާތުގައި ކަމަށެވެ.
ޝިޔާމް ވިދާޅުވީ ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔައީ ކޯޓު އަމުރާ ގުޅިގެން ނޫން ކަމަށާއި މިހާރު ވެސް އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ