އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އިދިކޮޅު ފަރާތްތަކާ އިނގިރޭސިވިލާތުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމީލާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އާއެކު ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި ސޮބާހު ރަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ ވެސް ބައްދަލުކުރައްވާފައި ވެ އެވެ.
އެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އުމަރު ލަންޑަނަށް ވަޑައިގެންނެވީ މިިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެ ބައްދަލުވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ހާއްސަކޮށް އުމަރު ހައްދަވާފައިވާ ޕަބްލިކް ވައިބަ ޗެޓް ގްރޫޕުގައި ވިދާޅުވީ ޔޫކޭގައި ތިއްބެވި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރައްވައި ވަރަށް ބިނާ ކުރުވަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުރި މައްސަލަަތަކާ ގުޅޭގޮތުން ވެސް ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން އުމަރު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ވެސް ކުރިން މަޝްވަރާ ކުރައްވާފަ އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އަދި ޕީޕީއެމް ދެބައިވުމާއެކު އުމަރު ވަޑައިގެންނެވީ މައުމޫންގެ ފަޅިއަށެވެ.
ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރައީސް މައުމޫނާ ނުލައި ކާމިޔާބު ނުކުރެއްވޭނެ ކަމަށާއި އެ މަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތް ކަމަށް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަމަށް އާދެވެނީ ވެސް މިހާރު ވަރަށް ބޮޑު ކޯލިޝަންއެއްގެ ތެރެއިން ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކާ އުމަރު މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ