ބިލްތަކަށް ފައިސާ ދެއްކުމުން މުސްތަފާގެ ފުޑް ކްލަބަށް ކަރަންޓު ދީފި

އާޓިފިޝަލް ބީޗްގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ހިއްސާ އޮންނަ، ފުޑް ކްލަބް ރެސްޓޯރެންޓުން ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައި އޮތުމުން މިއަދު ހެނދުނު ކަރަންޓް ކަނޑާލާފައި ވަނިކޮށް އެ ބިލްތަކަށް ފައިސާ ދެއްކުމުން މިއަދު ހަވީރު ކަރަންޓް ދީފައިވާ ކަމަށް އެ ރެސްޓޯރެންޓުން ބުނެފި އެވެ.
ފުޑް ކްލަބް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖަމީލު ވިދާޅުވި ގޮތުގައި ކަރަންޓު ކަނޑާލާފައި ވަނިކޮށް މިއަދު މެންދުރު ފަހު އެ ތަނުން ވާނީ ސްޓެލްކޯ އަށް 35000ރ. ނަގުދު ފައިސާ އިން ދައްކައިފަ އެވެ. އަދި މިއަދު ހެނދުނު ކަރަންޓް ކަނޑައިލި ފަހުން 18000ރ. ގެ ޗެކެއް ދެއްކި ކަމަށް ސްޓެލްކޯ އިން ބުނެފައި ވިޔަސް އެ ފަދަ ޗެކެއް ސްޓެލްކޯ އަށް ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
''އަޅުގަނޑުމެން ކުރިން ދިން ޗެކެއް ރިޓާންވީ. އެހެންވެ ފައިސާ ނުދެއްކި އޮތީ. ޗެކެއް ރިޓާންވީމާ 35000ރ. ވަރުގެ ބޮޑު އަދަދެއް ކޭޝް އިން ބޭންކުން ނަގަން ވެސް ދުވަސްކޮޅެއް ނަގާނެ ދެއްތޯ؟ މިއަދު އަޅުގަނޑުމެން އެ ފައިސާ ދެއްކުމުން ހަވީރު ކަރަންޓު ދީފި،'' ޖަމީލު ވިދާޅުވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ފުޑް ކްލަބް ހުންނަ، އާޓިފިޝަލް ބީޗްގެ ފަސް ނަންބަރު ގޮޅިން މިއަދު ކަރަންޓު ކަނޑައިލީ ބައެއް މަސްތަކުގެ ކަރަންޓު ބިލްގެ މުއްދަތު ހަމަވި އިރު ވެސް ފައިސާ ނުދައްކައި އޮތުމުން ރެޑް ނޯޓިސް ދިނުމަށް ފަހު، އެ ނޯޓިސްގެ މުއްދަތުގައި ވެސް ފައިސާ ނުދެއްކުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ