ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ލަންކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފި

އަންހެނެއްގެ ގަޔަށް ގަދަކަމުން އަތްލައި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ލަންކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ރަސްމީ ފަރާތްތަކާ ހަވާލާދީ ލަންކާގެ ނޫސްތަކުން އިއްޔެ ބުނީ ފަނޑިޔާރު ސަރަތު ޑި އަބްރޫ އިއްޔެ ހައްޔަރު ކުރީ އުމުރުން 39 އަހަރުގެ އަންހެނަކާ ގަދަަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސައަކާ ގުޅިގެން ކަމަށެވެ. ނޫސްތަކުން ބުނީ އެ އަންހެންމީހާއާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން ފަނޑިޔާރު މަސައްކަތް ކުރުމުން އަދި އެ އަންހެން މީހާ އެކަމަށް ދެކޮޅު ހެދުމުން ސަރަތު ޑި އަބްރޫ ވަނީ އެ އަންހެން މީހާ އަށް އަނިޔާ ވެސް ކޮށްފައި ކަމަށެވެ. ސަރަތު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 3،800 ޑޮލަރުގެ ކަފާލާތުގެ ދަށުން ފަނޑިޔާރު ދޫކޮށްލުމަށް އަންގައިފަ އެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރު އަމުރުކޮށްފައި ވަނީ، ފުލުހުން ކުރާ ތަހްގީގަށް ސަރަތު އެއްބާރުލުން ދިނުމަށް ވެސް އަމުރުކޮށްފަ އެވެ. ލަންކާގެ ނޫަސްތަކުން ބުނީ އެ މައްސަލަ ފެންމަތިވީ އެ އަންހެންމީހާ ހޮސްޕިޓަކުން ފަރުވާ ހޯދުމަށް ދިޔަ ހިސާބުން ކަމަށެވެ. މިއީ ލަންކާގެ ތާރިހުގައި ވެސް އެފަދަ މައްސަލައެއްގައި ފަނޑިޔާރަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ. ސަރަތަކީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ޕާކިސްތާން ޓްޑޭ އިން ބުނީ ލަންކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ދުރު ކުރުވޭނީ ޕާލަމެންޓުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ