ޙަލާލް ނޫން ފައިސާ ހޯދާ މީހުންގެ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެ: މުފްތީ މެންކް

ޙަރާމް ފައިސާ ހޯދާނަމަ ނުވަތަ މާތް ﷲ ނަޙީ ކުރައްވާފައިވާ ޢަމަލުތައް ކޮށްގެންނާއި ނުޙައްޤުން ފައިސާ ހޯދާނަމަ، އެމީހެއްގެ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު ވިދާޅުވެފައިވެއެވެ.
މުފްތީ މެންކު އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވަނީ ޙަރާމް ފައިސާއަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ޢަމަލެއް ކޮށްގެން ނުވަތަ އިސްލާމްދީނުގައި ކުރުން ޙަރާމް ކޮށްފައިވާ މަސައްކަތެއް ކޮށްގެން ހޯދާ ފައިސާ ކަމުގައެވެ.އެގޮތުން ތިމާއަށް ފާފަ ލިބޭނެފަދަ ޢަމަލުތައް ކޮށްގެން، އެއީ "ވަޒީފާ" ކަމުގައި ދެކިގެން ހޯދާ ފައިސާ ޙަލާލު ނުވާނޭ ކަމަށާއި އެފަދައިން ފައިސާ ހޯދާ މީސްތަކުންނާއި މެދު މާތް ﷲ ނުރުއްސަވާނެކަމާއި އެބައިމީހުން ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ނުކުރައްވާނޭ ކަމަށް ވިދާޅުވެފައިވެއެވެ.
އިބްނު މަސްޢޫދު ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ.
''މާތް ﷲ ގެ އަޅުތަކުންކުރެ ޙަރާމް ފައިސާ ހޯދާ މީހާ ކުރާ ޞަދަގާތް އެކަލާނގެ ޤަބޫލު ނުކުރައްވާ ހުއްޓެވެ. އެފައިސާ އޭނާ ޚަރަދު ކުރާނަމަ، އޭގައި އެއްވެސް ބަރަކާތެއް ވެސް އެކުލެވިގެން ނުވެއެވެ. އަދި އޭނާ އެފައިސާ ދޫކޮށްފައި ދިޔުމުން (އެހެނީ މަރުވުމުން) އެފައިސާ ވާހުށީ އޭނާއާއިއެކު ނަރަކައަށް ގެންދެވޭ އެއްޗަކަށެވެ.ހަމަކަށަވަރުން ނުބައި ޢަމަލު ކުޅައުމަކުން އެކަލާނގެ އެއްވެސް އަޅެއްގެ ފާފައެއް ނުފުއްސަވާނެތެވެ. ފާފަ ފުއްސަވާނީ ހެޔޮ ޢަމަލު ކުޅައުމުންނެވެ."(މުސްނަދު އަޙްމަދު 3672، މުސްނަދު އަލް-ބައްޒާރް 2026)" މުފްތީ ވިދާޅުވެފައިވެއެވެ.
ދުޢާ އިޖާބަ ނުކުރައްވާ އެންމެ ބޮޑު ސަބަބަކީ ޤަވާޢިދުން ނަމާދު ނުކުރުން ކަމުގައިވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ. "ނަމާދު ނުކުރާ މީހަކީ މުސްލިމެއް ކަމުގައިވެސް ނުބެލެވޭ. މުސްލިމަކަށްވުމަކީ ހަމައެކަނި ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔުމެއް ނޫން. ނަމާދު ނުކުރާނަމަ ތިމާއަށް މިދުނިޔެއާއި އާޚިރަތުގައިވެސް ވަނީ ވޭނާއި ބިރުވެރިކަން. أَسْتَغْفِرُ ﷲ " މުފްތީ މެންކް ވިދާޅުވިއެވެ.
މީގެ އިތުރުން ދުއާ އިޖާބަ ނުކުރައްވާ އެހެން ސަބަބުތަކުގެ ތެރޭގައި މުފްތީ މެންކު ވިދާޅުވެފައިވަނީ އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވާއިރު، އަވަސް އަރުވާލައިގެން ދުޢާ ދެންނެވުމެވެ. އެހެންކަމުން ދުޢާ ކުރާއިރު މަޑުމައިތިރިކަމާއިއެކު ދުޢާ ކުރުމަށާއި މާތް ﷲ އަކީ އެއްކައުވަންތަ އިލާހު ކަމަށް ހެކިވެ، މުޙައްމަދު (ޞޢވ)އެއީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް ހެކިވެ އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމަށްފަހު ދުޢާ ކުރުމަށާއި އެކަލާނގެ ދެއްވެވި ހުރިހާ ނިޢުމަތްތަކަށް ޝުކުރު އަދާ ކުރުމަށް ހަނދުމަ ކުރުމަށް ވެސް ދީނީ ޢިލްމުވެރިޔާ ހަނދުމަކޮށް ދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ