މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭ ގޮތަކުން އެއީ ބޮޑު ޒަހަރަކަށް ވެސް ވެދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެކަމާ ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގެ އެއް ޕާޓްނަރު ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ވާހަކަދެއްކެވީ އެޕާޓީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ އޭގެ ރަގަޅުގޮތުގައި ކޮށްފިނަމަ ވަރަށްވެސް ރަގަޅު ކަމެއް ކަމަށާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނަނީ މިނިމަމް ވޭޖް ކަނޑައަޅާފައި ކަމަށެވެ. ނަމަވެސް އެކަން ކުރެވޭގޮތަކުން އެއީ ބޮޑު ޒަހަރަކަށް ވެސް ވެދާނެ ކަމަށެވެ. އެގޮތަށް ވެއްޖެނަމަ މުޅި އިންޑަސްޓްރީ ދާނީ ހަލާކުވެގެން ކަމަށެވެ.
ގާސިމް ވިދާޅުވީ ފަތުރުވެރިކަން، މަސްވެރިކަން، ގެދޮރު އިމާރާތް ކުރުން މިއިން ކޮންމެ ސިނާއަތަކަށް ބެލި ނަމަވެސް، މިނިމަމް ވޭޖު އޮންނަންޖެހޭނީ އޭގެ ގޮތުގައި ކަމަށެވެ. މިނިމަމް ވޭޖް ކަނޑައަޅަން ވާނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އެކަން ކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އަޅުގަނޑުމެންނަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަން ނިންމައިފިނަމަ ދާނީ ހަލާކުވެގެން ކަމަށާއި އިގުތިސާދީ އަދި އިޖުތިމާއީ ކަންކަން ވެސް ދާނީ ފުނޑުފުނޑުވެގެން ކަމަށެވެ. ގައުމަށް ލިބޭ ހުރިހާ އާމްދަނީއެއް ދާނީ އެކި ގޮތްގޮތަށް ބޭރުވެގެން ކަމަށެވެ.
ރާއްޖޭގައި ގިނަ ވަޒީފާތަކުގައި ބިދޭސީން މަސައްކަތް ކުރަމުންދިއުމަކީ ކަންބޮޑުވުމެއް ކަމާއި ނަމަވެސް ރާއްޖެ މިއަދާ ހަމައަށް ގެނެސްދިނުމުގައި ބޭރު މީހުންގެ ވަރަށް ބުރަ މަސައްކަތް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިނިމަމް ވޭޖް ކަނޑައެޅުމުގައި އެކަންކަމަށް ވެސް ރިއާޔަތްކުރެވެން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު އެކަން ކުރެވެންޖެހޭނީ ހުރިހާ ދާއިރާއަކަށް ވެސް އެއް ނިސްބަތަކުން އެއްގޮތަކަށް ކަމަށެވެ. އެކަން ކުރަންޖެހޭނީ އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކަަމަށާއި ވަށައިގެންވާ ގައުމުތަކުގައި ވެސް އެކަން ކުރާ އުސޫލުތަކަށް ބަލައިގެން އެއަށްވުރެ ބޮޑުނުވާ ގޮތެއްގެ މަތިން ކަަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންވެސް މިކަމާމެދު ވިސްނުންފުޅު ބަހައްޓަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ސަރުކާރުން މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާފައިވާތީ ރައީސަށް ޝުކުރު އަދާކުރައްވިއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭންޖެހޭ އަސާސީ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19" ގައި ވެސް ހިމެނޭ ކަމެކެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަަކައި ޖޫން މަހުގެ ތެރޭ ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްސަ ބޯޑެއް އެކުލަވާލައްވާފައެވެ. އަދި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައި އެކަމަށް ސަބް ކޮމިޓީއެއް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. އަމާޒަކީ 2020 ވަނަ އަހަރަށް މިނިމަމް ވޭޖް ކަނޑައަޅައި ނިންމުން ކަމަށް ސަރުކާރުން ބުނެއެވެ.
މިނިމަމް ވޭޖަކީ ޒަހަރަކަށް ހަދައިގެން ނުވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ