އީސީގެ މެމްބަރު ކަމަށް ފުއާދު ތައުފީޤު އައްޔަނުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ (އީސީ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގެ މެމްބަރު ކަމަށް ބޭފުޅުން މިއަދު އައްޔަނު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް، އައްޔަނު ކުރައްވާފައިވަނީ މައްޗަންގޮޅި ތަޅަމުދިގެ ފުއާދު ތައުފީޤެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ ވިލިމާލެ ދިވެތި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދެވެ.
މި ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ފުއާދު ތައުފީޤަށް ހުވައިލައިދެއްވާނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.
އެންއައިސީގެ މެންބަރު ކަމަށް އައްޔަނު ކުރުމަށް ޖިހާދުގެ ނަން މަޖިލީހުން ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ. އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން ފުއާދު އައްޔަން ކުރުމަށް ފާސްވެފައިވަނީ 70 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި ފުއާދު ތައުފީޤަކީ 2008 އިން 2009އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ތައުފީޤު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973ގައެވެ.
ކާނަލަލް ރިޓަޔާޑް ޖިހާދު ވަނީ 1982 އިން 2013 ގެ ނިަޔލަށް އެމްއެންޑީއެފްގެ އެކި ރޭންކުތަކުގައި މަސައްކަތް ކުރައްވައިފައެވެ. ޖިހާދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ކޯސްޓްގާޑް މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑެޕިއުޓީ ސާޗް ކޯޑިނޭޓަރެއްގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ