ސުޕްރީމް ކޯޓުގެ އިދާރީ ބޭނުންތަކަށް ކަނޑައަޅާފައިވާ ޕެޓީ ކޭޝް ނަންގަވައި ފަނޑިޔާރުންގެ ފަރިއްކޮޅަށް ހޭދަކުރައްވާ ކަމަށް ތުހުމަތުކޮށް ދެކޮޅަށް އެންޓި-ކޮރަޕްޝަން-ކޮމިޝަން (އޭސީސީ) އަށް އަމިއްލަ ފަރާތަކުން މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
މަޤާމުގެ ނުފޫޒު ބޭނުންކުރައްވާކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުﷲ މުހައްމަދު ޣަނީގެ މައްޗަށެވެ.
އެ މައްސަލަ އޭސިސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ.
އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ، ސުޕްރީމް ކޯޓުގައި އެންމެ ގިނަ ދުވަސްވީ 4 ފަނޑިޔާރުން އެބޭފުޅުންގެ މެންދުރުގެ ފަރީއްކޮޅު ގަންނަނީ ހުޅުމާލޭގައި ހުންނަ 'ބޮމްބޭ ދަރުބާރަށް' ކޯޓުގެ މުވައްޒަފަކު ފޮނުވައިގެން ޕެޓީ ކޭޝްގެ ފައިސާއިން ކަމަށެވެ. އަދި އެ ބޭފުޅުން ކާއެއްޗެހި ފަރިއްކުޅުއްވަނީ ކޯޓު ތެރޭގައެވެ.
ޕެޓީ ކޭޝް އަކީ ފަނޑިޔާރުންގެ ފަރީއްކޮޅަށް ޚަރަދުކުރަން ހުންނަ ފައިސާއެއް ނޫން ކަމަށާއި، އަދި ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރައްވާފަ ތިބި 3 ފަނޑިޔާރުން އެކަމަކީ މަނާ ކަމެއް ކަން އެނގޭތީވެ، އެކަމުގައި ބައިވެރިނުވާ ކަމަށްވެސް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ޝަރުޢީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންވި އެއްޗެއް ފަރިއްކުޅުއްވަން އެބޭފުޅުން ބޭނުންވި ތަނަކަށް ކޯޓުގެ މުވައްޒަފުންނާއި، ކޯޓުގެ ވޭން ބޭނުންކުރަނީވެސް މަޤާމުގެ ބޭނުން ނަހަމަ ގޮތެއްގައި ހިފައިގެން ކަމަށް އެފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވެއެވެ.
ފަނޑިޔާރުންގެ މައްސަލަތަކެއް އޭސީސީ އަށް ހުށަހެޅި އިރު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އަންނަނީ މި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ މި 4 ފަނޑިޔާރުންގެ އިތުރަށް އާއިޝާ ޝުޖޫން މުހައްމަދު އާއި ޑރ. އަޒްމިރާލްދާ ޒާހިރު އާއި މިހަފްތާގެ ހޯމަ ދުވަހު މަޖިލިހުން ރުހުންދީގެން ހޮވާފައިވާ ފަނޑިޔާރު މަހާޒް އަލީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިދާރީ ޚަރަދުތަކަށް ހަމަޖެހިފައިވާ ފައިސާއިން ފަރިއްކުޅުއްވާ މައްސަލައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ