ޕާޓީ ކުރެވިދާނެ، އެކަމަކު މަސްތުވާތަކެތި ބޭނުމެއް ނުކުރެވޭނެ - މިނިސްޓަރު އުމަރު

ރާއްޖޭގައި ކޮންމެ މީހަކަށް ވެސް ޕާޓީ ކުރެވިދާނެ ކަމަށާއި ނަމަވެސް މަސްތުވާތަކެތި ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ޕިކްނިކް އައިލެންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ވ.އަންބަރާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރި މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ރޭ ޓުވިޓާގައި ކުރެއްވި ޓުވީޓެއްގައި އެވެ.
އުމަރު ވިދާޅުވީ އެއްވެސް ތަފާތުކުރުމެއް ނެތި ގާނޫނުގެ ބާރު ހިންގާނެ ކަމަށާއި މަސްތުވާތަކެއްޗާއި ނުލާ ކޮންމެ މީހަކަށް ވެސް "ޕާޓީ" ކުރެވިދާނެ ކަމަށެވެ.
"އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ގާނޫނީ ބާރު ހިންގާނަން، ކޮންމެ މީހަކަށް ވެސް ޕާޓީ ކުރެވިދާނެ، އެކަމަކު މަސްތުވާތަކެތި މެނޫގައި ހިމެނިގެން ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޕިކްނިކް ރަށެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއި އެކު 79 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މީހުންގެ ތެރޭގައި 59 ފިރިހެނުންނާއި 19 އަންހެނުންގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ހިމެނެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފިރިހެނުންގެ ތެރޭގައި ބިދޭސީއަކު ހިމެނެއެވެ.
18 އަހަރުން ދަށުގެ އަންހެން ކުއްޖާ ފިޔަވައި ހުރިހާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު އެ ހުރިހާ އެންމެންގެ ބަންދަށް ވެސް ވަނީ 10 ދުވަސް ޖަހައިދީފައެވެ. ނަމަވެސް 18 އަހަރުން ދަށުގެ ކުއްޖާ އާއި މެދު އަމަލު ކުރި ގޮތެއް އަދި އެނގިފައެއް ނުވެ އެވެ.
އަންބަރާ އަކީ 2004 އިން ފެށިގެން ލަންކާގެ "ޑްރީމް އޯޝަން" ކިޔާ ބަޔަކަަށް ދޫކޮށްފައިވާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ