ބަރޮހަށް ދަންވަރު މީހުން އެރީ ވައްކަން ކުރަން: ފުލުހުން

މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރިޒޯޓުތަކަށް ދަންވަރު ވަގުތު ތަކުގައި އަރާ ވައްކަންކުރަން އުޅޭ ކަމަށާއި ރޭ ފަތިހުގެ ވަގުތެއްގައި ބަރޮސް މޯލްޑިވްސް ރިޒޯޓަށް ބަޔަކު އަރާފައިވަނީވެސް ވައްކަންކުރަންކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ރިސޯޓަށް އެރިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ ރިސޯޓުގެ ފަޅުތެރޭ މަރުވެފައި އޮއްވަ އެވެ. އެއީ ހއ. ތުރާކުނު، ނިޔަނދުރުމާގޭ އަލީ ޝާފިއު 20، އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދި ހަވީރު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، "މިމައްސަލަ ތަޙުހީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެމީހުން އެރަށަށް އަރާފައިވަނީ ވައްކަންކުރަންކަމަށް" ބެލެވޭ ކަމަށެވެ.
އަދި އެ ރިސޯޓަށް އެރި މީހުންގެ ތެރެއިން އެކަކު އެ ރިޒޯޓުން ހިފެހެއްޓުމާއި ގުޅިގެން އަނެއް 3 މީހުން ވަނީ ފިލަން މަސައްކަތްކޮށްފައި ކަމަށެވެ. ނަމަވެސް އެމީހުންގެ ތެރެއިން ދެ މީހުން ފަޅުތެރޭގައި އޮތް ދޯންޏަކަށް އަރާ ފިލަން މަސައްކަތް ކުރަނިކޮށް އެދެ މީހުންވެސްވަނީ އެރިޒޯޓުގެ ފަރާތުން ހިފަހައްޓައިފައި ކަމަށާއި އަނެއް މީހާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އެރިޒޯޓުގެ ފާލަމާއި ދިމާލު ފަޅުތެރޭގައި މަރުވެފައި އޮއްވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެމައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ އިތުރު މީހަކު މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ