އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގައި މިހާރު ހުންނެވި ދެ މެމްބަރުންގެ މުއްދަތު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވައިލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ދެ މެމްބަރުން ކަމުގައިވާ މުހައްމަދު ފާރޫގާއި އަލީ މުހައްމަދު މަނިކުގެ ފަސް އަހަރުގެ ދައުރު އަންނަ ނޮވެމްބަރު މަހުގެ 24 ގައި ހަމަވާނެ އެވެ.
ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު މިމަހުގެ 26 ވާ ބުދަ ދުވަހުގެ 3:00 އާ ހަމައަށް ހުޅުވައިލައިފައިވާ ކަމަށެވެ.
އެ ކޮމިޝަނަށް މިއަދު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެގޮތުން އެ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައިވާތީ އެވެ.
އެ ކޮމިޝަނުގައި ދެން ހިމެނިވަޑައިގެންނަވާ މެމްބަރަކީ އެ ކޮމިޝަންގައި ކުރިން އިންނެވި އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް އައްޔަން ކޮށްފައިވާ އިސްމާއިލް ހަބީބު އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިއަހަރުގެ މާޗް މަހު އެވެ.
އިލެކްޝަން ކޮމިޝަނުގައި ތިއްބެވި އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހްމަދު ފަޔާޒް މަގާމުން ވަކި ވެފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކަނޑައަޅާފައި ވާތީ އެ ދެ މެމްބަރުންގެ ބަދަލުގައި ވެސް ދެ މެމްބަރުން އައްޔަން ކުރުމަށް ރައީސް ވަނީ ހަތަރު ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވާފަ އެވެ. ނަމަވެސް އެ ބޭފުޅުންނާ މެދު އަދި މަޖިލީހުން ގޮތެއް ނިންމާފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ