އެމެރިކާގެ ރިޔާސީ އިންތިހާބު އޮބާމާ ކާމިޔާބު ކުރައްވައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު ރައީސް ބަރަކް އޮބާމާ ކާމިޔާބު ކުރައްވައިފިއެވެ.
ގިނަ ސްޓޭޓްތަކުގެ ނަތީޖާއަށް ބެލުމަށްފަހު، އިންތިޚާބުގައި އޮބާމާ ކުރި ހޯއްދެވީ 270 އިލެކްޓޯރަލް ވޯޓުގެ ތެރެއިން 275 ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. އޮބާމާ އާއި ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީއަށް ލިބިވަޑައިގެންނެވީ 203 ވޯޓެވެ. މި ނަތީޖާ އާއެކު ކުރިއަށް އޮތް ދައުރުގެ ރައީސްކަމަށް ދެވަނަ ފަހަރަށް އޮބާމާ ވަނީ ހޮވި ވަޑައިގެންފަ އެވެ.
އިއްޔެ އެމެރިކާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާން ކޮށްފައި ވަނީ މާލޭ ގަޑިން މިއަދު ހެނދުނު ނުވައެއްޖެހި އިރުއެވެ. ނަތީޖާ އިޢުލާން ކުރާ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔަ މީހުންގެ ތެރެއިން، އޮބާމާއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ވައިޓް ހައުސްގެ ކައިރިއަށް އެއްވެ މިހާރު ދަނީ އުފާފާޅު ކުރަމުންނެވެ.
އޮބާމާ އަށް ވޯޓް ލިބިވަޑައިގެންނެވި ސްޓޭޓްތަކުގެ ތެރޭގައި ކަނެކްޓިކަޓް، އިލިނޮއީ، މެރިލެންޑް، ރޮމްނީ ގަވަރުނަރުކަން ކުރެއްވި މަސަޗޫސެޓްސް، ނިއު ޖާޒީ، ނިއު ޔޯކް، ޕެންސިލްވޭނިއާ، ރޯޑް އައިލެންޑް، ވަމޮންޓް އަދި ވޮޝިންޓަން ޑީސީ ހިމެނެ އެވެ. މީގެ ތެރެއިންވެސް އިންތިޚާބުގެ ނަތީޖާ ބަރޯސާވެގެންދިޔަ އޯހިއޯ، ޕެންސިލްވޭނިއާ، ވިސްކޮންސިން، ލޯވާ އަދި ހެމްޝައާއިން އޮބާމައަށް ވަނީ ފުރިހަމަ އަޣްލަބިއްޔަތެއް ލިބިފައެވެ.
ރޮމްނީ އަށް ވަނީ އަލަބާމާ، އާކަންސަސް، ޖޯޖިއާ، އިންޑިއާނާ. ކެންސަސް، ކެންޓަކީ، ލޫސިއާނާ، މިސިސިޕީ، ނޯތު ޑަކޯޓާ، އޮކްލޮހޯމާ، ސައުތު ކޮރޮލައިނާ، ސައުތު ޑަކޯޓާ، ޓެނެސީ، ޓެކްސަސް، ވެސްޓް ވަޖިނިއާ އަދި ވަޔޯމިންގެ ވޯޓް ލިބިވަޑައިގެންފައިވެ އެވެ.
މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެމެރިކާގައި ބޭއްވުނު އެންމެ ވާދަވެރި، ރިޔާސީ އިންތިޚާބެވެ. އިންތިޚާބުގެ ކާމިޔާބީ ހޯދުމުގެ ގޮތުން އެތައް ބިލިއަން ޑޮލަރެއް އިންތިޚާބަށްޓަކައި ދެ ބޭފުޅުންވެސް ހޭދަކުރައްވާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާގެ ރައީސް ކަމަށް އޮބާމާ އިންތިޚާބުވުމާއެކު ފޯނުން ގުޅުއްވާ އޮބާމާއަށް މިޓް ރޮމްނީ ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ބޮސްޓަންގައި ހުންނަ ރޮމްނީގެ ހެޑް ކުއާޓާޒްގައި އާންމުންނާ މުޚާތަބުކޮށް ދެއްވި ތަޤުރީރުގައި ރޮމްނީ ވަނީ އޮބާމާ އަށާއި އޭނާގެ އާއިލާއަށް ޚޫނު މަރުޚަބާއެއް ދަންނަވާފަ އެވެ. މީގެ އިތުރުން ކެމްޕެއިން ކޮށްދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށާއި އޭނާއަށް ތާއީދުކޮށް ވޯޓް ދިން ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރި އެވެ.
ހަމަ މިއާއެކު އޮބާމާއަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ޝިކާގޯގައި ހުންނަ އޮބާމާގެ ހެޑްކުއާޒްގައި އޮބާމާގެ ތަޤުރީރަށް އިންތިޒާރު ކުރަމުންނެވެ. -- އޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ