އަފްރާޝީމް އަވަހާރަކޮށްލި ހަމަލައިގެ ތަހުގީގު ފުޅާކުރަން ގާސިމް ގޮވާލައްވައިފި

ޝަހީދު ޑރ. އަފްރާޝީމް ޢަލީގެ އަގުހުރި ހިދުމަތްތަކުގެ ހަނދާން ދުވަހަކުވެސް ރާއްޖެއިން ފޮހެވިގެނެއް ނުދާނެ ކަމަށާއި އެ މަނިކުފާނު އަވަހާރަކޮށްލި ހަމަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރަން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރަހުމް ކުޑަ ގޮތަކަށް އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމާއި ގުޅިގެން މިއަދު އާންމު ކުރެއްވި ބަޔާނެއް މެދުވެރިކޮށެވެ.
ބަޔާނުގައި ގާސިމް ވިދާޅުވެފައި ވަނީ މިއަދަކީ ހިތްތަކުގައި ހިތާމަވެރި ހަނދާންތަކެއް ބިންވަޅު ނެގިފައިވާ ދުވަހެއް ކަމަށާއި ރާއްޖޭގެ ފަހުގެ ތާރީހު ދުށް އެންމެ ބޮޑު އެއް ދީނީ ޢިލްމުވެރިޔާ، އަފްރާޝީމް ޢަލީ ރަހުމު ކުޑަ ލާއިންސާނީ ހަމަލާއެއްގެ ޝިކާރައަކަށްވެ، ޝަހީދުވެގެން ދިޔަ ހިތްދަތި ހަނދާންތައް މިއަދު އާ ކުރައްވާ ކަމަށެވެ. އަދި ދީނީ އިލްމުވެރިޔާ ޝަހީދު އަފްރާޝީމް ޢަލީ އަކީ ޢިލްމާއި މައުލޫމާތުގެ އަގުހުރި ހަޒާނާއެއް ކަމަށާ ރައްޔިތުންގެ މަޖިލީހުގައި ހައްގު ބަސް ވިދާޅުވުމަށް ފަސްޖެހިވަޑައި ނުގަންނަވާ ސިޔާސީ ލީޑަރެއް ކަމަށް ވެސް އެ ބަޔާނުގައި ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް ވިދާޅުވީ މީޑިޔާ މެދުވެރިކޮށް ހެޔޮ ނަސޭހަތްތައް ދެއްވުމުގެ ޕްރޮގްރާމްތައް އުފައްދައި ހުށަހެޅުއްވުމުގައި ހީވާގި ކަމާއި ހުނަރުވެރިއަކަށް އަފްރާޝީމަށް ލިބިވަޑައިގެންފައިވާއިރު ރާއްޖޭގެ ޝަރުޢީ ދާއިރާއާ ތަޢުލީމީ ދާއިރާއަށް ކުރުމުއްދަތެއްގެ ތެރޭގައި ބޮޑެތި ހިދުމަތްތަކެއް އެމަނިކުފާނު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ހަޔާތުގެ ކޮންމެ ވަގުތެއްވެސް އަފްރާޝީމް ހޭދަކުރެއްވީ، ހެޔޮ ކަންތައްތައް ކުރެއްވުމާ ހެޔޮ މަގަށް ގޮވައިލައްވާ މީސްތަކުންނަށް ހިތްހެޔޮ ކަމާއެކު ރީތި ނަމޫނާ ދެއްކެވުމުގަކަމަށްވީއިރު އެމަނިކުފާނަކީ، ރާއްޖެ ދުށް ފަސްމީރު ކުރިރުކެއް ކަމަށެވެ.
" ޝަހީދު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމަށް ދެވުނު ޓެރަރިސްޓް ހަމަލާ ތަހުގީގު ކުރެއްވުމުގައި ދިވެހި ފުލުހުން މިހާތަނަށް ކުރައްވަވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ޝުކުރުވެރިކަމާއެކު އަޅުގަނޑު ބަލައިގަންނަމެވެ. އަދި ދުރާލާ ރާވައިގެން ހިންގިކަމަށް ބެލެވޭ މި ލާއިންސާނީ ޖަރީމާގެ ތަހުގީގު އިތުރަށް ފުޅާކުރައްވައި، މި ނުރައްކާތެރި އަމަލު ރާވައި ހިންގުމުގައި ބައިވެރިވި އެންމެން ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރުކޮށް އެ އަނިޔާވެރިންނަށް ހައްގު އަދަބު ދިނުމަށް ގޮވާލަމެވެ." ގާސިމްގެ ބަޔާނުގައި ވެއެވެ.
އަނިޔާވެރިކަމާ ލޭ އޮހޮރުވުމާ ޓެރަރިސްޓް އަމަލުތައް ހިންގުމަށް ހިތްވަރުދީ، ފިތުނަ ފަސާދަ އުފެއްދުމަށް ހުއްޓާނުލާ މަސައްކަތްކުރާ ބަޔަކު ރާއްޖޭގައި ޙަރަކާތްތެރިވަމުންދާކަމީ، ކަންބޮޑުވާ ކަމެއް ކަމަށާއި ވަރަށް ފާޅުގައި އެކި ކަހަލަ ޖަރީމާތައް ހިންގަން ހިތްވަރުދީ، އެފަދަ ޢަމަލުތައް ހިންގަމުންދާއިރު ވެސް، މުޖުރިމުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުގެ ދުވެލި ލަސްވަމުންދާކަމީ، އެކަމާމެދު ސީރިއަސްކޮށް ވިސްނުން މުހިން ކަމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
"ޑރ. އަފްރާޝީމް ޢަލީގެ ހަށިގަނޑު އަޅުގަނޑުމެންނާ ވަކިވެދިޔައަސް އިރާދަކުރެއްވިއްޔާ އެމަނިކުފާނަކީ ކީރިތި ﷲ ގެ ތަނަވަސް ރަޙުމަތުގައި ދިރިހުރި ޝަހީދެކެވެ. އެމަނިކުފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި އަގުހުރި ހަނދާންތަކަކީ، އަބަދުވެސް އޭގެ ވަސްމީރު ޒިކުރާތަކާ ޢިލްމީ މަންފާތައް މި ފަސްގަނޑުގައި އާވެ އާލާވަމުންދާނެ ދެމިހުންނަނިވި ސޮދަގާތްތަކެކެވެ." ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ