އިސްލާމިކް ބޭންކުން ފައިސާ ކާޑު ވަގުތުން ހައްދައިދޭން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ދޫކުރަމުން ގެންދާ ފައިސާ ކާޑު ވަގުތުން ހަދައިދޭން ފަށައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް ބޭންކުގެ ހެޑް އޮފް ކާޑް ސާވިސަސް އަހުމަދު ރިޒާ ވިދާޅުވީ އިއްޔެ އެބޭންކުން ފެށި ހިދުމަތުގައި ފައިސާ ކާޑު ހެދުމަށް އެދުމުން ވަގުތުން އެކާޑު ހަދައިދެވޭނެ ކަމަށެވެ. އަދި ކާޑު ވަގުތުން ހަދައިދިން ނަމަވެސް ޕާސަނަލައިޒްޑް ކާޑެކޭ އެއްފަދައިން ލިބޭ ހިދުމަތްތަކަށް އެއްެވެސް ބަދަލެއް ނައިސް ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފައިސާ ކާޑަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރެވޭނެ ގޮތަށް ހެދިފައިވާ ކާޑކެވެ. އަދި ވަގުތުން ލިބޭ ކާޑުގައި ތަފާތެއްނެތި ޕާސަނަލައިޒްޑް ފައިސާ ކާޑެކޭ އެއްގޮތަށް އެބޭންކުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން ތަކުގައިވެސް ބޭނުންކުރެވޭނެ ކަމަށާއި ހަމައެކަނި ތަފާތަކީ ވަގުތުން ލިބޭ ކާޑުގައި އެބޭފުޅެއްގެ ނަން ނެތުން ކަމަށް ރިޒާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒާ ވިދާޅުވީ ކާޑު ހެއްދުމަށް އިތުރު އެއްވެސް ފީއެއް ނުވަތަ އިތުރު ޗާޖެއް ނުނަގާނެ ކަމަށެވެ. އަދި ކާޑުގެ ޕިން ބަދަލުކުރުމާއި މިފަދަ ކަންކަންވެސް ޕާސަނަލައިޒްޑް ކާޑެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ފައިސާ ކާޑު ވަގުތުން ހަދައި ދިނުމުގެ ހިދުމަތް ފަށަން ޖެހުނީ ކަސްޓަމަރުންގެ ފަރާތުން އަވަހަށް ކާޑު ހައްދައިދިނުމަށް ރިކުއެސްޓް އަންނަމުންދާތީ ކަމަށް ރިޒާ ވިދާޅުވިއެވެ. އެގޮތުން ވަރަށް ގިނަ ކަސްޓަމަރުން ކާޑު ވަގުތުން ހައްދައިދިނުމުގެ ރިކުއެސްޓުތައް ހުށަހަޅަމުންދާ ކަމަށާއި މިގޮތަށް ހެދުމުން ކަސްޓަމަރުންނަށް އިތުރު ޗޮއިސްއެއް ލިބިގެންދާނެ ކަމަށްވެސް ރިޒާ ވިދާޅުވިއެވެ.
" ބައެއް ބޭފުޅުން ބޭނުންފުޅުވާނެ ކާޑުގައި ނަން އޮންނަން. ބައެއް ބޭފުޅުން ބޭނުންފުޅުވާނެ އަވަހަށް ކާޑު ލިބެން. މިހެން ހެދުމުން އެބޭފުޅުން ބޭނުންފުޅުވާގޮަކަށް ހިދުމަތް ލިބިގެންދާނެ. މިދެވެނީ ކަސްޓަމަރުންނަށް ޗޮއިސްއެއް." ކަސްޓަމަރުންނަށް އޮތް ފަސޭހަ ތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރިޒާ ވިދާޅުވިއެވެ. އަދި މިގޮތަށް ކާޑު ހައްދައިދިނުމަށް ފަށާފައިވީ ނަމަވެސް ކުރިންވެސް ކާޑު ހެއްދޭގޮތަށް ޕާސަނަލައިޒްކޮށް ކާޑް ހެއްދޭނެ ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.
އެމްއައިބީއިން ފައިސާ ކާޑު ވަގުތުން ހައްދައިދިނުމުގެ ހިދުމަތް ފަށާފައިވާއިރު މިއީ ފަސް ދުވަސް ނުވަތަ ހަތްދުވަހަށް މަޑުކުރަން ނުޖެހި ކާޑު ލިބޭނެ ގޮތަށް ކަސްޓަމަރުންނަށް ލިބިގެންދާނެ ފަސޭހައެއްކަމަށް އެބޭންކުން ބުނެއެވެ. އެބޭންކުން މިގޮތަށް ހިދުމަތް ފަށާފައިވާއިރު އެބޭންކުން ވަނީ ޕީއޯއެސްގެ ހިދުމަތް ފެށިފަހުން 100 އާއި ގާތަށް ޕީއޯއެސް މެޝިންތަކެއް ބަހައްޓާފައެވެ. އަދި އެބޭންކުން މިވަގުތު ތިން އޭޓީއެމަކުން ހިދުމަތް ދެމުން ގެންދާއިރު ކުރިއަށް އޮތްތަނުގައި އިތުރު އޭޓީއެމްތަކެއް ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް އެބޭންކުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ