ދަނބިދޫ އިންޖީނުގޭގެ ބައެއް ފައިސާ ހޯދާ ހަތަރު މީހަކު ހައްޔަރުކޮށްފި

ލ. ދަނބިދޫ އިންޖީނުގޭގެ ގިނަ އަދަދެއްގެ އޮޅުވާލައިގެން ފޮރުވި ހަތަރު މީހަކު ހައްޔަރުކޮށް އެ ފައިސާގެ ބައެއް ހޯދައިފި އެވެ.
ދަނބިދޫ އިންޖީނު ގޭގެ ފައިސާތަކުގެ ތެރެއިން 5000ރ. އާއި 27000ރ. ޗެކްތަކެއް ހޯދައި، ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އަންހެން މީހާ ހައްޔަރުކުރީ އިއްޔެ ލ. ގަމުން ކަމަށާއި އަނެއް ތިން މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ހަމަ އެރަށުން ކަމަށެވެ. އަދި ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފައިސާތައް ޖަމާކުރަން ހިފައިގެން ދިޔަ އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅި މީހާވެސް ހިމެނޭ ކަމަށާއި ހޯދާފައިވާ ފައިސާތަކާއި ޗެކްތައް ފެނިފައިވަނީ ހަތަރު މީހުންގެ ތެރެއިން އެކެއްގެ ގެއިން ކަމަށެވެ.
މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ފައިސާތައް ބޭންކަށް ޖަމާ ކުރަން ދަނިކޮށް ފޭރިގެންފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ފޭރުމުގެ މައްސަލައެއްކަމަށް ނުބެލެވޭ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމަން ލ. މާވަށު ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާއިރު އެހެން މީހުންގެ ބަންދަށް އެ އަތޮޅު ފޮނަދޫ ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ