ސީއެސްސީ އަށް މެމްބަރަކު ހޮވުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ނެރެފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ. ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ ސީއެސްސީގެ ރައީސްކަމުންނާއި މެމްބަރުކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެފަދަ އަމުރަކަށް އެދުމުންނެވެ. ރައްޔިތުންގެ މަޖިލިހުން ފަހުމީ މަގާމުން ވަކިކުރީ ސީއެސްސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް މަޖިލިހުން ބެލުމަށް ފަހު ނެގި ވޯޓަކުންނެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މިބާވަތުގެ މައްސަލަތަކުގައި އަމަލުކުރަން ޖެހޭ ދުސްތޫރީ އުސޫލުތަކާއި މައްސަލައިގެ ބާވަތަށް ވިސްނުމަށް ފަހު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ސީއެސްސީގެ މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ. "މި މައްސަލައިގެ ބާވަތަށް ވިސްނުމަށް ފަހު މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ އަސާސީގެ 144 ވަނަ މާއްދާގެ(ށ) ގެ މައްޗަށް ރިއާޔަތްކޮށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރުގައިވެ އެވެ. ސުޕްރީމް ކޯޓުގައި ފަހުމީގެ ފަރާތުން ވަކާލާތު ކުރައްވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ