އައިހެވަން ކާމިޔާބުކުރަން 14،000ގެ އެއްފަސް އާބާދީއެއް އޮންނަންޖެހޭ: އުމަރު
ސަރުކާރުން ހިންގާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައިހެވަން ކާމިޔާބު ކުރުމަށް އެއްފަސްވެފައި އޮންނަ 14000 ގެ އާބާދީއެއް ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ހއ. ދިއްދޫގައި އަތޮޅު ކައުންސިލުން ބޭއްވި، އެ އަތޮޅުގެ ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ" ޝަރަފުވެރިކޮށްދެއްވަމުން އުމަރު ވިދާޅުވީ އައިހެވަން މަޝްރޫއު ހއ.އަތޮޅަށް އަތުވެއްޖެ ނަމަ އެ ހާސިލްވީ ތަރައްގީގެ އާދަޔާ ހިލާފް ބޮޑު މަޝްރޫއެއް ކަމަށާއި އެކަމަކު ތަރައްގީއަށްޓަކައި އެއްފަސްވާންޖެހޭ ކަމަށެވެ. "އައިހެވަންގެ ފީސިބިލިޓީ ހެއްދެވި ބޮސްޓަން ކޮންސަލްޓީން ބުނެފަވޭ މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި އެންމެ ކުޑަވެގެން ވެސް އެއްފަސްވެފަ 14،000 މީހުންގެ އާބާދީއެއް އޮންނަންޖެހޭނޭ،" ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އުމަރު ވިދާޅުވި އެވެ. ސައޫދީ އަރަބިއްޔާގެ ފަރާތުން އައިހެވަން މަޝްރޫއު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް އުމަރު ވިދާޅުވި އެވެ. "މިއީ ހަމައެކަނި ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ވެސް ނުވާނެ. ތެޔޮ ރައްކާކުރާ، ތެޔޮ ސާފުކުރާ ކާރުހާނާތައް ވެސް މީގެ ތެރޭގައި ހިމެނޭނެ. އެހެންވެގެން ސައޫދީ އަރަބިއްޔާގެ އިންޓަރެސްޓް މިކަމުގައި ހުރީ،" މިނިސްޓަރު ވިދާޅުވީ އެއްފަސްވެފައި އޮންނަ ބޮޑު އާބާދީއެއް އައިހެވަން މަޝްރޫއަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ކަންކަން ކުރުމަށް ކަމަށެވެ. އައިހެވަން އަކީ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ މިކަހަލަ ބޮޑެތި މަޝްރޫއުތައް ރާއްޖެއާ ދިމާލަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ ކަމަށެވެ. އައިހެވަން މަޝްރޫއު ހިންގަން ހަމަޖައްސާފައިިވާ ހއ. އަތޮޅުގައި 14 ރަށުގައި މީހުން އުޅޭއިރު މި އަހަރު އާންމުކުރި އެންމެ ފަހުގެ ބޯހިމެނުުމުން ދައްކަނީ މުޅި އަތޮޅުުގެ އާބާދީ އަކީ 14،464 ކަމަށެވެ. އެ އަތޮޅުގައި އާބާދީ އެންމެ ބޮޑު ދިއްދޫގައި އުޅެނީ 2745 މީހުންނެވެ. މިއީ ހަމައެކަނި ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ވެސް ނުވާނެ. ތެޔޮ ރައްކާކުރާ، ތެޔޮ ސާފުކުރާ ކާރުހާނާތައް ވެސް މީގެ ތެރޭގައި ހިމެނޭނެ. އެހެންވެގެން ސައޫދީ އަރަބިއްޔާގެ އިންޓަރެސްޓް މިކަމުގައި ހުރީ-- އުމަރު އޭނާ ވިދާޅުވީ ކުދި އާބާދީތައް ކުދި ރަށްރަށުގައި ބައިތިއްބައިގެން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. "ވިޔަފާރީގެ ގޮތުން ދެކޮޅުޖެހޭ މަޝްރޫއަކަށް ހެދުމަށްޓަކައި ބޮޑު އާބާދީއެއް ކޮންމެހެން ވެސް ބޭނުންވޭ،" ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތާއި އެކަމުގެ ސަބަބުން ތަރައްގީއަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ. އެއްފަސްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިއީ ހަމައެކަނި އައިހެވަންއާ ގުޅޭ ކަމެއް ނޫން ކަމަށާއި އެކަމަކު "އައިހެވަން މަޝްރޫއަށް ވެސް އެކަހަލަ އާބާދީއެއް ބޭނުންވާތީ އެ ވާހަކަ ދަންނަވާލީ" ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީއާ ގުޅިގައި އޮތް މައްސަލައެއް ކަމަށެވެ. އެކަމަކު އެއްފަސްކުރުމަކީ ސަރުކާރުން ރައްޔިތުންނަށް މަޖުބޫރުކޮށްގެން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސުގައި ބޭނުންކުރަނީ "ޕުލް އިފެކްޓް" ކަމަށެވެ. މިނިސްޓަރު އުމަރު ވިދާޅުވި ގޮތުގައި، އިގްތިސާދީ ހަރަކާތްތައް ހިންގުމުން އެތަނަށް ދަމާ ބާރުގައި މީހުން އަމިއްލަ އަށް އަންނާނެ އެވެ. އިހަވަންދިއްޕޮޅުގައި ސަރުކާރުން ތަރައްގީ ކުރަން މަސައްކަތް ކުރާ އައިހެވަން ޒޯންގެ މޮޑެލްއެއް: އުމަރު ވިދާޅުވީ އެއްފަސްކުރުމުގެ ސިޔާސަތު ގެންގުޅެނީ "އެއްވެސް ބަޔަކު ގަދަކަމުން ނުވަތަ މަޖުބޫރުކޮށްގެން ގެންދާ ގޮތަކަށް ނޫން" ކަމަށާއި ހުޅުމާލެ މަޝްރޫއު ވެސް އައިހެވަން މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އެގޮތަށް ކަމަށެވެ. "ކުރިން ދަންނަވާލިހެން އަޅުގަނޑުމެންގެ އައިހެވަން މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ވެސް މިއަތޮޅުގެ ރައްޔިތުންނަށް އަޅުގަނޑުމެން އެކަން ކުރުމަށް ދަންނަވާނަން،" މިއީ ތަރައްގީ ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން އުމަރު ވިދާޅުވި އެވެ. ތަރައްގީވެފަ ހުރި ގައުމުތަކުގެ ލިސްޓަށް މީގެ 20 އަހަރު ފަހުން އެރުމަށް ގަސްދުކޮށްގެން އުދުއްސައިގަންނަ ކަމަށް ވަންޏާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބޮޑެތި އާބާދީތައް ހުރި ތަންތަނަށް ކުދި އާބާދީތައް ހިޖުރަކުރުން ކަމަށާއި އެ ހިސާބަށް ދާން ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބޮލަކަށްޖެހޭ އާމްދަނީ އަކީ 6665 ޑޮލަރު ކަމަށާއި ސިންގަޕޫރުގައި ބޮލަށް 55000 ޑޮލަރު ޖެހޭއިރު އަދި ދާން "ލައްކަ ހިސާބު އަދި އެބަ އޮތް" ކަމަށެވެ. "މި ނަގާ ތަރައްގީގެ ރާޅުގައި ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ފިލައެއް ހިފައިގެން ނިކުމެ ޖައްސާށޭ. މި ރާޅުގަ ޖައްސައިފިއްޔާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަދު މިތަބަ 6،500 ޑޮލަރުން 20،000 ޑޮލަރަށް، 30،000 ޑޮލަރަށް، 50،000 ޑޮލަރާ ހަމަޔަށް އިރާދަކުރެއްވިއްޔާ ވިހި އަހަރު، ތިރީސް އަހަރު ދުވަސް ތެރޭގަ އަޅުގަނޑުމެންނަށް ދެވޭނެ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ބޮޑެތި އާބާދީ ހުރި ތަންތަނަށް ނުގޮސް، އަޅުގަނޑުމެން ބޭނުންވާ ތަރައްގީ ގެނެސްދިނުމަކީ އެއްވެސް ސަރުކާރަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އައިހެވަންއާ ބެހޭ ގޮތުން އުމަރު މި ވާހަކަ ދައްކަވާފައި ވާއިރު އެ މަޝްރޫއާ ބެހޭ އެންމެ ފަހުގެ މަޝްވަރާތައް ދިވެހި ސަރުކާރާއި ސައޫދީ ސަރުކާރާ ދެމެދު ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ