ސްކޫލް ހިންގަން ދެ ވަނަ ފަހަރަށް ވެސް ކުރިމަތިލީ އީޑީއައި އެކަނި
ސ. ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން އަންނަ ޝަރަފުއްދީން (ހުސައިނިއްޔާ) ބިލްޑިންގްގައި ލައިބްރަރީއާ އެކު ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ދެ ވަނަ ފަހަރަށް އިއުލާންކޮށްގެން ވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ. ކައުންސިލް އިދާރާގެ ޑިރެކްޓަރު މުހައްމަދު ލުފުތީ ބުރާސްފަތި ދުވަހު ވިދާޅުވީ ދެ ވަނަ ފަހަރަށް އިއުލާންކޮށް މި މަހުގެ 16 ވަނަ ދުވަހަށް ސުންގަނޑި ހަމަވި އިރު، ކުރިމަތިލީ ކުރިން ވެސް ކުރިމަތިލި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓް (އީޑީއައި) އެކަނި ކަމަށެވެ. އީޑީއައިއަކީ ޝަރަފުއްދީން ބިލްޑިންގްގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގުމަށް ކައުންސިލުން ކުރިން ހަވާލުކުރި އައިލެންޑާސްގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަބްދުއްރަޝީދު (އަބްސީ) އާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އަނބިކަނބަލުން ޝިއާރާ މުހައްމަދު ދީދީ އާއި ހިތަދޫގައި އައިއެމްޑީސީ ހޮސްޕިޓަލް ހިންގުމުގައި ހިއްސާވާ ޑރ. މަރިޔަމް ޝަކީލާ ހިއްސާވާ ކުންފުންޏެކެވެ. ލުތުފީ ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) ގެ ދަށުން ޝަރަފުއްދީން ބިލްޑިންގްގައި ސްކޫލެއް ހިންގުމަށް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށްވާތީ އެކަމާ މެދު ގޮތެއް ނިންމާނީ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ. "ހިނގައި ދިޔަ ކަންތަކާ ގުޅިގެން [މި މަހުގެ އަށް ވަނަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން] ކައުންސިލަރުން ވެސް އޮފީހަށް ނިކުމެ ވަޑައިނުގަންނަވާތީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ބޭއްވޭ ގޮތް ނުވެފައި އޮތީ. އެހެން ނަމަވެސް މިހާރު ހުރިހާ ކައުންސިލަރުން ވެސް އޮފީހަށް ނިކުންނަވަން ވަނީ ފަށްޓަވާފައި،" ލުތުފީ ވިދާޅުވި އެވެ. "އެހެންވެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި އެކަމާ ދޭތެރޭ ގޮތެއް ނިންމާނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ