ސަރުކާރަށް ރައްޔިތުން ކުރި އިތުބާރާ އެކު ހިދުމަތްތައް އަވަސްވެގެންދާނެ: ނައިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސާފު އަޣުލަބިއްޔަތު ސަރުކާރަށް ދީ، ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރާ އެކު، ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް އަވަސްވާނެ ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، އެއްވެސް ދާއިރާއެއްގެ އިންތިހާބު ބާތިލްކުރަން ނުޖެހޭ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެން ނައިބު ރައީސް "ހަވީރަ"ށް ވިދާޅުވީ މަޖިލިސް އިންތިހާބުން ސާފުވީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ސަރުކާރަށް އޮތް މިންވަރު ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގައުމަށް ގެނެސްދީފައިވާ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ރައްޔިތުން ބަލައިގެންފައިވާ ކަން ވެސް އިންތިހާބުގައި އެނގިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މި އިތުބާރު ރައްޔިތުން ސަރުކާރަށް ދިނީ މިހާ ހިސާބަށް ގެނެސްދީފައިވާ ހަމަޖެހުމަށް ބަލައި، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ސޯޝަލް ވެލްފެއާގެ ނިޒާމް ހަރުދަނާކުރުމަށް ކުރި މަސައްކަތްތަކުން،" ނައިބު ރައީސް ވިދާޅުވި އެވެ. "މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ކޯޓަށް ހުށަހެޅި މައްސަލަތައް އެގޮތަށް ނިމުމުން، ކުރިއަށް އޮތް ދުވަސްތަކުގައި ހިދުމަތް އަވަސްކޮށް ތަރައްގީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ކާމިޔާބުތަކެއް ލިބިގެންދާނެ." ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން އަބަދުވެސް ގެންގުޅޭނީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ޕީޕީއެމް މެނިފެސްޓޯގެ ވައުދުތައް ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ކުރުމަށް ސަރުކާރުން ރާވާފައިވާ ތަރައްގީގެ ބިޔަ މަޝްރޫއުތައް ވެސް ބާރަށް ކުރިއަށް ދާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެފަދަ މަޝްރޫއުތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ މުހިއްމު ހިދުމަތްތަކާ ގުޅޭ ކަންކަމުގެ ނިންމުންތައް ނުވަތަ ގާނޫނުތައް އާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އަވަހަށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެ މަސައްކަތްތަކާ އެކު ރާއްޖޭގެ ތަރައްގީއާ މެދު ރައްޔިތުން ދެކޭ ހުވަފެންތައް މި ސަރުކާރުން ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ކޯލިޝަނަށް ލިބުނު ތާއީދަކީ ހަގީގަތުގައި ރައީސް ޔާމީން ގެންގުޅުއްވާ ޕޮލިސީ ތަކަށާއި މެނިފެސްޓޯ އަށް ރައްޔިތުން ކުރެއްވި ތާއީދެއް. މިއާ އެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންތިހާބީ މެމްބަރުން ވެސް ވިސްނަން ވާނީ މިއީ އެންމެ ފަރުދަކަށް ކުރި ތާއީދަކަށް ވުރެ ބޮޑަށް ރައްޔިތުން ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްރޮގްރާމަށާއި މިހާރު ގެނެސްފައިވާ ހަމަޖެހުމަށް ދިން ތާއީދެއް ކަމަށް،" ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ސަރުކާރަށް ދިން ތާއީދަކީ ވަކިވަކި ފިކުރަކަށް ދީފައިވާ ތާއީދަކަށް ވުރެ ބޮޑަށް، ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ކޮށްދޭ ހިދުމަތްތަކަށް ދީފައިވާ ތައީދެއް ކަމަށް ކޮންމެ މެމްބަރަކު ވެސް ވިސްނާ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އާ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ. އަދި 85 މެމްބަރުން ހިމެނޭ އާ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ އަދަދު ވަނީ 57 އަށް އަރައިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތެވެ. މަޖިލީހުގެ އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން 13 މައްސަލައެއް ހުށަހަޅާފައިވާ އިރު ހައި ކޯޓުން މިއަދު ނިންމާފައި ވަނީ އެއްވެސް ދާއިރާއެއްގެ ނަތީޖާ ބާތިލްކުރަން ނުޖެހޭ ކަމަށެވެ. އެއީ އެއްވެސް ދާއިރާއެއްގެ ނަތީޖާ ބާތިލްކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ދެއްކިފައި ނުވާތީ ކަމަށް ވެސް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ