އައްޑޫގައި ކަރަންޓްގެ މައްސަލަދިމާވަނީ އިންޖީނުގެ ބެލެހެއްޓުމުގައި އިހްމާލުވެފައިވާތީ: ފެނަކަ

އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާ، ކަރަންޓުގެ މައްސަލަތައް ދިމާވަމުންދަނީ އިންޖީނުގޭ ބެލެހެއްޓުމުގައި ކުރިން އިހްމާލްވެފައިވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑު އަތޮޅުގެ ގުޅިފައިވާ ގިނަ ރަށްތަކަށް ކަރަންޓުގެ މައްސަލަތައް ކުރިމަތިވެ، ރައްޔިތުންގެ ޝަކުވާ އެކަމުގައި ބޮޑުވެފައިވާތީ މިއަދު ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ އައްޑު އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ކަރަންޓުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކޮށްފައިވާ ކަމަށާ، ކަރަންޓު ކެނޑުމުގެ މައްސަލަ މިހާރު އެއްވެސް ރަށަކަށް ކުރިމަތިވަމުން ނުދާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
މިމައްސަލަތައް ދިމާވަމުންދަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އިންޖީނުގޭ ރަނގަޅަށް ބެލެހެއްޓިފައިނުވާތީކަން ފާހަގަކުރައްވަމުން ނިމާލް ވިދާޅުވީ ޔުޓިލިޓީސްގެ ދަށުގައި އިންޖީނުގޭ ހުރިއިރު އިންޖީނުތަކަށް އެއްވެސް ވަރަކަށް ސާރވިސް ކޮށްފައިނުވާ ކަމަށެވެ.
އެހެންވެ ގިނަ އިންޖީނުތަކަށް މައްސަލަ ދިމާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ ކަމަށް ނިމާލް ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ މައްސަލަތައް ތަކްރާރްކޮށް ކުރިމަތިނުވާނެ ގޮތް ހެދުމަށް ރަނގަޅު ބެކަޕް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިފަދަ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އޯޑަރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އަބަދުވެސް އައްސަވާނެ ކަމަށާ، އެ ޝަކުވާތަކަށް އޮތް އެންމެ ރަނގަޅު ހައްލު ފެނަކަ ކޯޕަރޭޝަނުން ހޯދައިދެމުންދާނެ ކަމަށެވެ.
އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތަކާއި މިދިޔަ ހަފްތާގައި ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ދުވަސްދުވަހު އެތައް ފަހަރެއްގެ މަތިން ވަނީ ކަރަންޓު ކެނޑިގެން ގޮސްފަ އެވެ.
ފެނަކައިން ބުނީ އެ މައްސަލަ ދިމާވީ އިންޖީނުގޭގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ ހަ ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރަށް މައްސަލަ ދިމާވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ