ގަމުގެ ފްލައިން ސްކޫލް ހުއްޓާލާކަށް ނިންމައިފައެއް ނެތް: އޭއޭއޭ

ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ހުއްޓާލަން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައި ވިޔަސް އެއީ ތެދު ވާހަކައެއް ނޫން ކަމަށް އެތަން ހިންގާ ސްރީ ލަންކާގެ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) މިއަދު ބުނެފި އެވެ. އޭއޭއޭ އިން ބުނީ ފްލައިން ސްކޫލް ބަންދު ކުރުމުގެ އެއްްވެސް ވިސްނުމެއް ނެތް ކަމަށާއި ހަގީގަތް ނުބަލައި އެފަދަ ވާހަަތައް ނުދެއްކުމަށް އެދޭ ކަމަށެވެ. އޭއޭއޭގެ ޑިރެކްޓަރު/ސީއީއޯ އަދި ހެޑް އޮފް ޕައިލެޓް ޓްރޭނިން ކެޕްޓަން ސްރަންޖަން ޑި ސިލްވާ "ހަވީރަ" ށް ވިދާޅުވީ ފްލައިން ސްކޫލް ބަންދުކުރަން އުޅޭ ކަމަށް އޭނާއާ ހަވާލާ ދީ ބައެއް ފަރާތްތަކުން ފަތުރަމުން ދަނީ ހަގީގަތާ މުޅިން ހިލާފު ވާހަަކަތަކެއް ކަމަށެވެ. ގަމުގައި ޕައިލެޓް ކޯސް ހަދާ ޒުވާނަކު ސުރަންޖަން އާ އެކު ބޯޓެއްްގެ ކައިރީގައި. ފޮޓޯ/ އޭއޭއޭ "އެއީ އެއްްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. އެހަކަލަ އެއްވެސް ވިސްނުމެއް ނެތް. އަޅުގަނޑުމެން މި ތިބީ ސަރުކާރާ އެކު ހަދާފައިވާ އެގްރިމަންޓާ އެއްްގޮތަށް ގަމުގައި ފްލައިން ސްކޫލް ހިންގަން،" އޭނާ ވިދާޅުވި އެވެ. "މިއީ މިކަހަލަ ކަމެއް ކުރަން ވަރަށް ރަނގަޅު ތަނެއް. އެހެންވީމާ ގަމުގެ ފްލައިން ސްކޫލް އެހެން ތާކަށް ބަދަލުކުރުމުގެ ވިސްނުމެއް ވެސް ނެތް. މިތަނުގައި މި މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ސުރަންޖަން ވިދާޅުވީ ގަމުގައި ފްލައިން ސްކޫލް ހިންގުމަކީ ރާއްޖޭގެ ޒުވާނުންނަށް އަމިއްލަ ގައުމުގައި ތިބެގެން ޕައިލެޓް ކޯސް ހެދެން އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަަށެވެ. އަދި ޓްރޭނިން ހަދަން ރާއްޖޭން ބޭރުން ވެސް އައްޑު އަށް ޒުވާނުން އައުމަކީ އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އަނެއްކާ މިތަނުގެ ސަބަބުން އައްޑޫގެ އިގުތިސާދަށް ވެސް ފައިދާތަކެއް އެބަ ކުރޭ. އެއީ އަޅުގަނޑުމެން ވަރަށް އުފާވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ކޮންމެ ކަމެއްގައި ވެސް ގޮންޖެހުންތަކަކާއި ހުރަސްތަކެއް ހުންނާނެ. އެކަހަަލަ އިޝޫސްތަކެއް އަޅުގަނޑުމެންގެ ވެސް ނެތެކޭ. ނޫން. އެކަމަކު އެކަންކަމާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު ވާހަކަ ދައްކައިގެން ހައްލު ކުރަން އަޅުގަނޑުމެން މަސަައްކަތް ކުރަނީ." ގަމުގެ ފްލައިން ސްކޫލްގައި މިހާރު ޓްރޭނިން ހަދަމުންދާ ދިވެހި ކުދިންގެ ބެޗްގެ ބައެއް ދަރިވަރުން އޭއޭއޭގެ އިސްވެރިންނާ އެކު. ފޮޓޯ/ އޭއޭއޭ ފްލައިން ސްކޫލްގައި މިހާރު ޖުމްލަ 75 ދަރިވަރުން އަންނަނީ ޕައިލެޓް ޓްރޭނުން ހަދަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ 54 ދަރިވަރަކު ހިމެނެ އެވެ. ޓްރޭނިން ހަދަން މި ވަގުތު އައިސް ތިބި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ، ޗައިނާ އަދި ސިންގަރޫގެ ދަރިވަރުން ހިމެނެ އެވެ. ސިވިލް އޭވިއޭޝަން އޮތޯރޮޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެއިން ޖަލީލު މިއަދު ވިދާޅުވީ ގަމުގެ ފްލައިން ސްކޫލް ބަންދު ކުރަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއްް ލިބިފައި ނެތް ކަމަށެވެ. އަދި އެ ކަހަލަ ކަމެއް ހިނގާ ނަމަ އެ ފަރާތަށް އެނގޭ ކަމަށް ވިދާޅުވި އެވެ. ގަމުގެ ފްލައިން ސްކޫލްގެ އޮންލައިން ޕައިލެޓް އެގްޒޭމް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އޭއޭއޭ "މިހާތަނަކަށް ނެތް ތި ކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެންނާ ހަމައަށް އައިސްފައެއް ނެތް. އެހެންވެ ފްލައިން ސްކޫލް ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ. ސަރުކާރުން ގަމުގައި ފްލައިން ސްކޫލް ގާއިމްކުރުމުގެ އެއްބަސްވުމުގައި އޭއޭއޭ އާ އެކު ސޮއިކޮށްފައި ވަނީ ޖެނުއަރީ ،21 2009 ގަ އެވެ. އަދި ރަސްމީކޮށް ފްލައިން ސްކޫލް ގަމުގައި ހިންގުން އޭއޭއޭ އާ ހަވާލު ކުރީ ޖެނުއަރީ ،28 2009 ގަ އެވެ. ލަންކާގެ އޭއޭއޭ އާ ގުޅިގެން ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ގަމުގެ ފްލައިން ސްކޫލުގެ އެއްބަސްވުމުގެ މުއްދަތަކީ ފެބުރުއަރީ 1، 2009 އިން ފެށިގެން 10 އަހަރެވެ. ގަމުގެ ފްލައި ސްކޫލުން އަންނަނީ ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) ގެ އިތުރުން ކޮމާޝަން ޕައިލެޓް ލައިސަންސް (ސީޕީއެލް) ކޯސް ވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ