ނޫސް މަޖައްލާގެ ގަވައިދު ކުރިން ތަންފީޒުކޮށްފައެއް ނެތް: މިނިސްޓަރު އުމަރު
ނޫސް މަޖައްލާތައް ޝާއިއު ކުރުމާ ބެހޭ ގަވައިދު މިހާތަނާ ޖެހެންދެން ވެސް އޮތީ މާ ބޮޑަށް ތަންފީޒުނުކުރާ އެއްޗެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގައި ނެރެމުންދާ ނޫސްތަކާއި މަޖައްލާ އަދި އޮންލައިން ނޫސްތައް އަލުން ރަޖިސްޓްރީކުރުމަށް ހުޅުވައިލީ އެ ގަވާއިދަށް ފެއްތުމަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ގަވާއިދުގައިވާ ގޮތުން، ރަޖިސްޓްރީކޮށްފައިވާ އުސޫލެއްގެ ދަށުން ނޫސް މަޖައްލާތަކުގެ ކޮޕީ ކަމާ ބެހޭ އިދާރާއަކަށް ހުށަހަޅަންޖެހޭ ކަމަށާއި ނަމަވެސް ބައެއް ދުވަހު ނޫސްތަކުން ވެސް ގަވާއިދާ އެއްގޮތަށް ކޮންމެ ދުވަހަކު ކޮޕީ ހުށަހަނާޅާ ކަމަށެވެ. ނަމަވެސް އެ ތަކެތި އުވާލުމުގެ ބަދަލުގައި އޮކްޓޫބަރު 30ގެ ނިޔަލަށް އަލުން ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ހަމަ ކުރީއްސުރެ ވެސް އޮންނަ ގަވާއިދެއް. އެކަމަކު ތަންފީޒުކޮށްފައެއް ނެތް. އެކަމަކު މިހާރު އަޅުގަނޑުމެން މި ގެންދަނީ ތަންފީޒުކުރުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ. ނޫސް މަޖައްލާތައް ޝާއިއު ކުރުމާ ބެހޭ ގަވައިދުގެ 13 ވަނަ މާއްދާއާ ހަވާލާދީ ހޯމް މިނިސްޓްރީން ބުނީ ރަޖިސްޓްރީކޮށްގެން ނެރެމުން އަންނަ ނޫސް މަޖައްލާތަކުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސް މަޖައްލާތަކުގެ ކޮޕީ އަންނަ މަހުގެ 30ގެ ކުރިން އެ މިނިސްޓްރީ އަށް ހުށަހަޅަން ވާނެ ކަމަށެވެ. "އަދި އޮންލައިން ނޫސްތަކާއި މަޖައްލާތަކުން އެ ވެބްސައިޓުގެ އެޑްރެހާ އެކު އެކަން އެނގޭނެ ގޮތުގެ ލިޔުމެއް ހުށަހަޅުއްވަން ވާނެ އެވެ،" އިއުލާންގައިވެ އެވެ. ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ބޭނުންވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ މަސްއޫލުވެރިޔާ އާއި އެޑިޓަރުގެ މައުލޫމާތާއި މިދިޔަ ހަ މަސް ތެރޭގައި މަޖައްލާ ނުވަތަ ނޫސް ނެރެފައިވާ ކަމުގެ ހެކި ނުވަތަ އެކަން ތަފުސީލް ކޮށްދެވޭނެ ލިޔުމެއްގެ އިތުރުން ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރި ކަމުގެ ހެކި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރަން ހޯމް މިނިސްޓްރީން ހުޅުވާލީ މާދަމާ ބާއްވަން އުޅުނު މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބާ އެކު ލިބުނު ޝަކުވާތަކާ ގުޅިގެން އެ އިންތިޚާބު ފަސްކުރުމާ ވިއްދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ