ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްސަލަތަކެއް ތަހުގީގު ކުރަމުން އަންނަ ކަމަށާ، އެ މައްސަލަތައް ނިންމާ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ އެ ތަހުގީގަކީ ވަރަށް ބުރަ، އަދި ބޮޑު ތަހުގީގެއް ކަމަށާ، އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ އަދި ވިދާޅުވީ އެމަނިކުފާނު ހޯމް މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވި އިރު ވެސް މައްސަލައިގެ ތަހުގީގުގައި ވަރަށް ބޮޑު ކުރިއެރުމެއް ފުލުހުން ހޯދާފައިވާ ކަމަށާ ބަޔަކަށް ފައިސާ ދީ، ދުރާލާ ވަރަށް ރާވައިގެން ހިންގާފައިވާ އެ ޖަރީމާއާ ގުޅޭ ހުރިހާ ކަމެއް ހޯދައި އަނިޔާވެރިންނަށް އަދަބު ދެއްވާނެ ކަމަށެވެ.
"ކުރީގައި ވެސް އަޅުގަނޑުމެން ދަންނަވަމުން އައިގޮތަށް މިއީ ރޭވިގެން ގޭންގުތަކަށް ފައިސާދީގެން ކޮންޓްރެކްޓެއްގެ ދަށުން ކުރި ކަމެއް. މިކަން ބަލާ މިހާރު ބައެއް މީހުންގެ މައްސަލަތައް އެހުރީ ކޯޓްގައި. އަދި އިތުރު ބައެއްގެ މައްސަލަތައް މިދަނީ ބަލަމުން،" އުމަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ މިކަމަށް ފައިސާ ހަރަދުކުރި މީހުން، އަދި އެކަމުގައި ބައިވެރިވެ ރޭވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނަމޭ. ހައްގު އަދުބު ދޭނަމޭ،"
މި މައްސަލައިގައި ތުހުމަތު ވެގެން އަލަށް ހައްޔަރުކޮށް ތަހުގީ ފަށާފައިވާ މީހުންނާ ބެހޭ މައުލޫމާތެއް މިނިސްޓަރު ނުދެއްވައެވެ. އަދި ފުލުހުން ވެސް އެ މައުލޫމާތު އާންމުކޮށްފަ އެއް ނުވެއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި ގާނޫންގެ ހުކުމް ހިނގާނެކަން މިފަސް އަހަރު ތެރޭ ސާބިތުކޮށްދެއްވާނެ ކަމަށާއި އެމަނިކުފާނު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވިހާ ދުވަހަކު ގާނޫނީ އިމުގެ ބޭރުން މުއައްސަސާއަކަށްވެސް އަދި އާންމު ފަރާތަކަށްވެސް ހަރަކާތްތެރިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"ކަށަވަރުކަމެއް އިނގޭތޯ ރައީސް ޔާމީންގެ ސަރުކާރުގައި ގާނޫންގެ ހުކޫމަތު ރާއްޖޭގައި ހިނގާނެ. އެކަން އަޅުގަނޑުމެން ޔަގީން ކުރާނަން އަދި ޔަގީންކޮށްދޭނަން." އުމަރު ވިދާޅުވި އެވެ.
އަފްރާޝީމް އަވަހާރަކޮށްލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ، އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑި ކައިރިންނެވެ.
އަފްރާޝީމް މައްސަލައިގައި އިތުރު ބައެއްގެ ތަހުގީގު ފަށައިފިން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ