މާލޭގައި ފެންބޮޑުވުމުން ގެއްލުން ލިބުނު 62 ގެއަކަށް ފައިސާ ދީފި

މިމަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން ފައިސާ ބަހަން ފަށައިފި އެވެ.
މާލޭގައި ފެންބޮޑުވެ، 210 ގެއަކަށް ގެއްލުން ލިބުނެއެވެ. އެކަމަކު، އެސެސްމަންޓު ރިޕޯޓު ހެދުމަށް ފަހު ފައިސާ ދޭން ނިންމާފައި ވަނީ އޭގެ ތެރެއިން 127 ގެއަކަށެވެ. މިދިޔަ ބުދަ ދުވަހު ގެއްލުމުގެ ފައިސާ ބަހަން ފަށާފައިވާއިރު މިހާތަނަށް 62 ގެއަކަށް ފައިސާ ވަނީ ހަވާލުކޮށްފައެވެ.
ހުއްޓާ ނުލާއި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ލިބުނު ގެއްލުން 1.3 މިލިއަނަށް އަރައެވެ. އެންމެ ބޮޑުކޮށް ގެއްލުން ލިބުނު ގެތަކަށް އެކަނި ވެސް 45000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ދޭން ޖެހެއެވެ.
އެދުވަހު މާލެއަށް ކުރި ވިއްސާރައަކީ 2015 ވަނަ އަހަރަށް ފަހު ރާއްޖޭގެ ރަށަކަށް އެންމެ ބޮޑަށް ވާރޭ ވެހިގެން ރިކޯޑު ކުރެވިފައިވާ ދުވަސް ވެސް މެއެވެ. އެގޮތުން 232 މިލި މީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މާލޭގައި ހުރި އޮޓޮމެޓިކް ވެދާ ސްޓޭޝަނުން ދައްކައެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އައްޑޫ ގަމަށް 228 މިލި މީޓަރުގެ ވާރޭވެހިފައިވާއިރު އޭގެ ފަހުން އެންމެ ގިނައިން 24 ގަޑިއިރު ވާރޭވެހިގެން ރިކޯޑު ކުރެވިފައިވަނީ ވެސް މިމަހުގެ ފަސް ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައެވެ. އެއީ 232 މިލި މީޓަރުގެ ވާރޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ