އެއާޕޯޓަށް އަލުން ކަރަންޓް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ހިސާބުތަކަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑިފައި އޮތުމަށްފަހު އަލުން ކަރަންޓް ދީފިއެވެ. އެއާޕޯޓްސް ކޮމްޕެނީގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ސަން" އަށް ވިދާޅުވީ ކަރަންޓްގެ ހިދުމަތް އަލުން ދެވުނީ މިރޭ 19:45 ގައި ކަމަށެވެ. އަދި ކަރަންޓް ލިބުމާއެކު މިހާރު އެތަނުގައި ތިބި ފަސެންޖަރުން ވަރަށް އަވަހަށް ކްލިއާ ކޮށްލާނެ ކަމަށެވެ. ކަރަންޓް ކެނޑުމާ ގުޅިގެން މޯލްޑިވިއަންގެ ފްލައިޓުތައްވެސް ވަނީ ޑިލޭވެފައެވެ. އަރީފް ވިދާޅުވީ އެ ފްލައިޓްތައް ކުރިިއަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަވަޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ކެނޑިގެން ގޮސްފައި ވަނީ ހަވީރު 5:54 ހާއިރު އެވެ. އަރީފު ވިދާޅުވީ، ކަރަންޓް ކެނޑިގެން ގޮސްފައިވަނީ މުޅި އެއާޕޯޓުން ނޫން ކަމަށާއި ހަމައެކަނި ޓާމިނަލް ސަރަހައްދުން އެކަނި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ