އަންނަ އިންތިޚާބުގައި އަބްދުﷲ ރިޔާޒު ކުރިމަތިލަނީ ތިމަރަފުށީ ދާއިރާއަށް

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއްގައި ކުރިމަތިލައްވާނީ ތިމަރަފުށީ ދާއިރާއަށްކަން އިއުލާން ކުރައްވައިފިއެވެ.
ރިޔާޒު މިކަން އިއުލާން ކުރެއްވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށާއި އެދާއިރާގެ އެންމެހާ ރައްޔިތުންގެ ތާއީދަށް، އަދަބުވެރިކަމާއެކު ދަންނަވާކަމުގައެވެ.
"މާތް ﷲ ގެ ވާގިފުޅާއެކު 2019 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ/ވޭމަންޑޫ ދާއިރާއަށް ކުރިމަތިލާން އަޅުގަނޑު ނިންމައިފިން. މި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުން އެދި އަދަބުވެރިކަމާއެކު ދަންނަވަން." ރިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުގަޔާއި 18 ވަނަ ދައުރުގައި ތިމަރަފުށީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވީ މުޙައްމަދު މުސްޠަފާ އެވެ. އޭނާވަނީ އެދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން ހާމަ ކުރައްވާފައެވެ.
ރިޔާޒު މި ދާއިރާއަށް ކުރިމަތިލައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ