އިސްތިއުފާދެއްވި ގާޒީ ޙަލީމް، މަނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި

ދާދިފަހުން އިސްތިޢުފާ ދެއްވި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ޙަލީމް އަމިއްލަ ގޮތުން މަނަދޫ ދާއިރާއަށް ކުރިމަތިއްލައްވަން ނިންމަވައިފިއެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޙަލީމް ވިދާޅުވީ މަނަދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ، އެ ދާއިރާ އަކީ ވަރަށް ބޮޑަށް ބާކީ ކޮށްލެވިފައި އޮންނަ ދާއިރާއެއްކަމަށްވާތީ ކަމަށާއި ،މަނަދޫ، މާފަރު، ލަންދޫ މި ތިންރަށަށްވެސް އަންނަން ޖެހޭ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މާފަރަކީ ނ.އަތޮޅުގެ ހަބެއްގެ ގޮތުގައި އޮންނަން ޖެހޭ ރަށެއް. މަނަދޫ އަކީ ވެރިކަން ކުރާ ރަށްކަމަށް ވީނަމަވެސް އެ ރަށަށްވެސް އަންނަންޖެހޭ ތަރައްޤީގެ މަޝްރޫޢުތަކެއް ނާދޭ. ލަންދޫވެސް އޮތީ ހަމަ އެގޮތަށް." ޙަލީމް ވިދާޅުވިއެވެ.
މަނަދޫ ދާއިރާއަށް އަމިއްލަގޮތުން ނިކުތުމަށް ޙަލީމު ނިންމަވާފައިވާ އިރު، ރޭ މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޙަލީމުގެ އަނބިކަނނބަލުން އައިމިނަތު މުނީރު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައެވެ. އަދި ޙަލީމަކީވެސް މީގެކުރިން ޖުމްހޫރީ ޕާޓީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
"އަންހެނުން ބޭނުން ޕާޓިއަކާ ގުޅުމުގެ ފުރުޞަތު އަބަދުވެސް އޭނާ އަށް އޮންނާނެ. އަޅުގަނޑުގެ ސިޔާސީ ފިކުރާ އަޅުގަނޑުގެ އަންހެނުންގެ ސިޔާސީ ފިކުރު ތަފާތު ވާނެ." ޙަލީމް ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ޙަލީމް ވިދާޅުވީ، ދާއިރާގެ ތިން ރަށަށްވެސް އަންނަ ހަފްތާގައި ދަތުރުތައް ކުރާނެ ކަމަށާއި މާލޭގައި ތިބި ދާއިރާގެ ޒުވާނުންނާއި ބައްދަލުކުރުމުގެ މަސައްކަތްތައް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އަދި ގޮނޑިއަށް އިންތިޙާބުވުމަށްފަހު، އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމަށާއި، ސާބިތުކަމާއި އިޚުލާޞްތެރިކަމާއި އެކު މަޖިލިސްތެރޭގައި މަސައްކަތް ކުރައްވާނެކަމަށް ޙަލީމް ވިދާޅުވިއެވެ.
ޚަލީމް ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާ ދެއްވީ ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވާ މަސައްކަތައް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ