ކަރަންޓުގެ އަގު ހެޔޮ ކުރަން، ޑީސަލްއިން ޑިއުޓީ ކަނޑާލަން ހުށަހަޅައިފި

ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި
އެވެ.
ޑިސަލް އިން ޑިއުޓީ ކަނޑާލުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ.
އެ އިސްލާހު ހުށަހަޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައި ވަނީ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމާއި މަސްވެރިންނަށް ފަސޭހަކޮށްދީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މުސްތަފާ ވަނީ ހުށަހަޅައިފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ޑީސަލުން މިހާރު ޑިއުޓީ ގޮތުގައި ނަގަނީ ފަސް ޕަސަންޓެެވެ. އޭގެ ކުރިން ޑީސަލުން ޑިއުޓީގެ ގޮތުގައި 10 ޕަސަންޓު ވެސް ނަގަމުން އައެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ