މަޖިލިސް ރައީސްގެ މަޤާމަށް ގާސިމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ރައީސްގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިހާބު ކޮށްފިއެވެ.
ގާސިމް މިމަގާމަށް އިންތިހާބު ކޮށްފައިވަނީ މަޖިލިސްގެ ރައީސްގެ މަޤާމަށް މެމްބަރަކު އިންތިހާބު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނެގުނު ސިއްރު ވޯޓަކުންނެވެ. ގާސިމާއި ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ރައީސްއަކު އިންތިހާބު ކުރުމަށް މިރޭ ނެގުނު ސިއްރު ވޯޓްގައި ގާސިމަށް ވޯޓް 62 ލިބިލެއްވިއިރު އަބްދުއްރަހީމަށް ލިބިލެއްވީ 16 ވޯޓެވެ. މިރޭގެ ވޯޓްގައި ޖުމްލަ 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު ދެ ވޯޓްވަނީ ބާތިލް ވެފައެވެ.
ގާސިމްގެ ނަން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުއްވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަދި ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު ޞާލިހްއެވެ. ގާސިމްގެ ނަމަށް ތާއީދު ކުރެއްވީ އިންތިހާބީ ނައިބު ރައީސް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.
މަޖިލިސް ރައީސްގެ މަޤާމަށް ގާސިމާއި ވާދަކުރެއްވި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އަބްދުއްރަހީމްގެ ނަމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.
މަޖިލިސް ރައީސްގެ މަޤާމަށް ގާސިމް އިންތިހާބު ކުރެވުނު އިރު މަޖިލީހުގެ ކުރީގެ ރައީސް ފުއްވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް މިރޭ ނަގާނެކަމަށް ބެލެވިފައި ވަނިކޮށް މަސީހްވަނީ މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ