އުސްފަސްގަނޑުގެ މައްސަލާގައި މައުމޫން އެމްޑީޕީ އަށް ފާޑުވިދާޅުވެއްޖެ

ގާނޫނުން އެންމެންނަށް ހަމަހަމަ ހައްގުތަކެއް ލިބިދޭ ކަމަށާއި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވަކި ތަނެއްގައި ވަކި ގޮތަކަށް ތިބުމުގެ އިހުތިޔާރެއް ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ އެމްޑީޕީ އަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮނޑިބަތް ކެއުމުގެ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ހަފުލާތަކުގައި އާންމުކޮށް ބޭނުންކުރާ ބޮނޑިބަތަށް އިޝާރަތްކޮށް މައުމޫން ވިދާޅުވީ ބޮނޑިބަތަކީ ވެސް ވަކި ބަޔަކު ކާން ހުންނަ އެއްޗެއް ނޫން ކަމަށާއި ޕީޕީއެމް އަށް ވެސް ބޮނޑިބަތް ކެވޭނެ ކަމަށެވެ.
އެމްޑީޕީން އުސްފަސްގަނޑުގައި މިހާރު ހިންގަމުންދާ ހަރަކާތްތަކަށް އިޝާރަތްކުރައްވައި މައުމޫން ވިދާޅުވީ އެ ހައްގު ޕީޕީއެމް އަށް ލިބުނު ނަމަވެސް އެ ޕާޓީއަކީ ވަރަށް ހަރުދަނާ ޕާޓީއެއް ކަމަށާއި އެހެން ބައެއްގެ ހައްގުތަކަށް އުނިކަމެއް ލިބޭ ގޮތަށް ހަރަކާތްތައް ނުހިންގާނެ ކަމަށެވެ.
"އެންމެންނަށް ވެސް އޮންނާނީ އެއް އިހުތިޔާރެއް، އެއް ހައްގެއް. އެހެންވީމާ އަޅުގަނޑުމެން ނުޖެހޭ އަޅުގަނޑުމެންނަށް މި ފެންނަ ކަންތައްތަކާ ދޭތެރޭގައި ހިތް ނުތަނަވަސް ވާކަށް. އެހެން ނަމަވެސް ޕީޕީއެމްއަކީ ވަަރަށް ހަރުދަނާ އުސޫލްތަކެއް ގެންގުޅޭ ބައެއް. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެހެން ބައެއްގެ ހައްގުތަކަކަށް އަރައިގަންނާކަށެއް،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ މަދު ބަޔަކު ހާޒިރުވި މި ހަފުލާގައި އެ މަނިކުފާނު ވިދާޅުވީ މުޅި ރައްޔިތުންގެ މިލްކު ޕީޕީއެމް އިން އެކަނި ބޭނުންކުރަން ބޭނުން ނުވާ ކަމަށާއި އެ ޕާޓީއަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ