މިދިޔަ އަހަރުގެ ފެބްރުއަރީ 8 ގައި ރާއްޖޭގައި ހިންގި ހަމަނުޖެހުންތަކުގައި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ލިބޭ ހަތަރު ކުދިންގެ ޝަރީއަތް ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރާ ގުޅިގެން ޖުވެނައިލް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެގޮތަށް އެ ކޯޓުން އަމުރު ނެރުނީ އޭގެ ތެރެއިން އެއް ކުއްޖަކު ޖުވެނައިލް ކޯޓުން ނިންމި ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލަ ބަލައި ނިމެންދެނެވެ. އެ ކުއްޖާގެ ފަރާތުން އިސްތިއުނާފްކުރީ ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދައުވާ ލިބޭ ކުދިންނަށް ދޫނުކުރަން ޖުވެނައިލް ކޯޓުން ނިންމާފައިވާތީ އެ މައްސަލަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރީ އެ ކުއްޖާ އެކަނި ނަމަވެސް އެ ކުއްޖާގެ ޝަރީއަތް ވެސް ހިންގަނީ ދެން ތިބި ތިން ކުދިންނާއެކު އެ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ އެ ހުރިހާ ކުދިންގެ ޝަރީއަތް ވެސް މަޑުޖައްސާލަން ޖެހެއެވެ.
އެކަމާ ގުޅިގެން ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތަކަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލަތަކެއް ކަމަށް ކަމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ އަމުރު އެގޮތަށް އައުމާއެކު ހައި ކޯޓުން މައްސަލަ ނިމެންދެން ޖުވެނައިލް ކޯޓުގައި ޝަރީއަތް ނުހިންގާ ބާއްވަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ އަވަހަށް މައްސަލަ ނިންމުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުވެނައިލް ކޯޓުގެ ނިންމުންތައް މީގެކުރިން ވެސް ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭ ކަމަށާއި ނަމަވެސް ބައެއް މައްސަލަ ނިމޭއިރު އޭގެ ބޭނުން ކެނޑިފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ބަންދު އަމުރުގެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އެ ކޯޓުން ނުނިމި އޮއްވާ އެ އަމުރުގެ މުއްދަތު ހަމަވެގެންދާ ފަހަރު ވެސް އަންނަ ކަމަށެވެ.
ޖުވެނައިލް ކޯޓަކީ އެހެން ކޯޓުތަކާ އަޅާބަލާއިރު އަވަހަށް މައްސަލަތައް ނިންމަމުންދާ ކޯޓެއްކަން ފާހަގަ ކުރެވެއެވެ. މައްސަލަތައް ނިންމަމުން ގޮސް އެ ކޯޓުގައި މިހާރު ހުރީ ވަރަށް މަދު މައްސަލައެކެވެ.
ފެބްރުއަރީ އަށްވަނަ ދުވަހު ސ. ގަމު ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ވެސް ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާކުރެއެވެ. އެ މައްސަލައިގައި ދެން އޮތީ ހުކުމް އިއްވުމެވެ. އެ މައްސަލައަކީ އެދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި މައްސަލަތަކުގެ ތެރެއިން ނިމުމަކާ އެންމެ ގާތުގައި މިހާރު އޮތް މައްސަލަ އެވެ.
ތިނަދޫ ހަތަރު ކުދިންގެ ޝަރީއަތް ހުއްޓާލަން ނެރުނު އަމުރާ ގުޅިގެން ޖުވެނައިލް ކޯޓުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ