ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބުރާހިމް މިނިވަން ކުރުމަށް ގޮވާލައި ހަރުކޮށްފައިވާ ޕޯސްޓަރު ނެގުމަށް ސަރުކާރުން ވިލާގުރޫޕަށް އަންގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ކުއްލި ގޮތަކަށް ޤާސިމް އިބުރާހިމް ހައްޔަރުކޮށް އެމަނިކުފާނުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ސިޔާސީ ލީޑަރުންނާއި ބައިނަލްއަޤުވާމީ މުޖުތަމައުންވެސް ގޮވާލަމުންދާއިރު ދިވެހި ރައްޔިތުންވެސް ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
ޤާސިމް އިބުރާހިމް ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު އިމާރާތް ވިލާހައުސްގައިވެސް ވިލާގުރޫޕުން ވަނީ އެމަނިކުފާނުގެ މިނިވަންކުރުމަށް ގޮވާލައި ބޮޑު ޕޯސްޓަރެއް ބަހައްޓާފައެވެ. ބުރާސްފަތި ދުވަހުގެރޭ ވިލާހައުސް އިމާރާތުގެ ބޭރު ފާރުގައި ބަހައްޓާފައިވާ މިޕޯސްޓަރު ނެގުމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިލާގުރޫޕަށް އަންގާފައެވެ. ވިލާގުރޫޕުގެ ކޮމްޕެނީ ސެކްރެޓަރީ އިބުރާހިމް ރަޝީދު ވިދާޅުވީ، ޕޯސްޓަރު ނެގުމަށް އެންގީ ހައުސިންގ މިނިސްޓްރީ ގުޅި ބޭފުޅެއް ކަމަށެވެ.
"ހައުސިންގ މިނިސްޓްރީގެ ފަރާތުން ނަސީމު ކިޔާބޭފުޅަކު ފޯނުން ގުޅައި އެންގެވި ޕޯސްޓަރު ނަގަން. އެއްވެސް ލިޔެކިޔުމަކުން އަދި ނެތް އަންގަވާފައެއް. ޕޯސްޓަރު އެހުރީ ޤާސިމް އިބުރާހިމްގެ އިމާރާތެއްގައި. އަޅުގަނޑުމެން ބަލަމުން މިގެންދަނީ ކީއްވެތޯ އެޕޯސްޓަރު ނަގަން ޖެހެނީ" އިބުރާހިމް ރަޝީދު ވިދާޅުވިއެވެ.
ޤާސިމް އިބުރާހިމް ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ވިލާގުރޫޕުން ބެހެއްޓި އެޕޯސްޓަރު ހުރީ ވިލާ ހައުސްގެ އިރުމަތީ ފަރާތު ބިތުގައެެވެ. ކުރިން އެއިމާރާތާއި އިންވެގެން ހުރި، އެމްޓިސީސީގެ އިމާރާތް ތަޅާލާފައި ވާތީ، ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ދަތުރު ކުރާ ފަރާތްތަކަށާއި، ޖުމުހޫރީ މައިދާނާއި ރަސްމީ ފާލަމުގައި ތިބޭ ފަރާތްތަކަށް ވަރަށް ރީތިކޮށް ފެންނަން ހުރެއެވެ.
ޤާސިމް އިބުރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށްފައިވާއިރު އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ޣައިރު ޤާނޫނީގޮތުން ކަމުގައި ވިދާޅުވެ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު ލީޑަރުންދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ގާސިމް މިނިވަން ކުރުމަށް ގޮވާލައި ހަރުކޮށްފައިވާ ޕޯސްޓަރު ނެގުމަށް ސަރުކާރުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ