ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހިމް މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލައި، ރާއްޖޭގެ ބައެއް ރަށްރަށުގައި މިއަދު މުޒާހަރާ ކޮށްފިއެވެ.
ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި، މިއަދު ހަވީރު އދ. މާމިގިލީގައި ފެށި މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާމިގިލީ ކައުންސިލްގެ ނައިބުރައީސް އަބްދުﷲ މުފީދު ވިދާޅުވީ، ރައްޔިތުން ފަށާފައިވާ މި މުޒާހަރާ، ޤާސިމް އިބްރާހިމް ދޫކޮށްލަންދެން ކުރިއަށްދާނެ ކަމަށެވެ.
މުފީދު ވިދާޅުވީ މި އިހުތިޖާޖުގައި ރައްޔިތުން ގޮވާލާފައިވަނީ ޤާސިމް އިބްރާހިމް ވަގުތުން މިނިވަން ކުރުމަށާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އަސްލެއްނެތް ދައުވާތައް އަނބުރާ ގެންދިއުމަށް ކަމަށެވެ.
އަދި ޤާސިމް ހައްޔަރުކުރި ކުރުމަކީ ސަރުކާރުން އެޅި ކަތި ފިޔަވަޅެއް ކަމަށާއި، ޤާސިމް ހައްޔަރުކޮށްގެން ސަރުކާރަށް ލިބޭނެ އެއްވެސް ތާއީދެއް ނެތްކަމަށްވެސް މިއަދުގެ އިހުތިޖާޖުގައި ރައްޔިތުން ގޮވާލާފައި ވެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް މާމިގިލީ ދާއިރާއިން މި ސަރުކާރަށް އެއްވެސް ތާއީދެއް ނޯންނާނެ ކަމަށާއި، އިންތިޚާބުންވެސް ސަރުކާރުން ޖެހޭނީ ނާކާމިޔާބީ އާއި ކުރިމަތިލުމަށް ކަމަށް ރައްޔިތުން ޝުއޫރު ފާޅުކޮށްފައި ވެއެވެ.
ކައުންސިލްގެ ނައިބުރައީސް އަބްދުﷲ މުފީދު ވިދާޅުވީ ޤާސިމް އިބްރާހިމް ހައްޔަރުކޮށްގެން ގެންގުޅެން ސަރުކާރަށް ހަމަޖެހުމެއް ނެތްކަމަށާއި، ޤާސިމް ހައްޔަރުކޮށްގެން އެގޮތަށް ގެންގުޅޭނަމަ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަންވެސް ދިވެހި ރައްޔިތުން ފަސްނުޖެހޭނެ ކަމަށެވެ. އެކަމާ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
މުފީދު ވިދާޅުވީ ޤާސިމްގެ އެހީތެރިކަމާއެކު ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ދިރިއުޅެމުންދާއިރު، ޤާސިމްގެ ހިމާޔަތުގައި އެހުރިހާ ރައްޔިތުން ނިކުންނަންވެސް ފަސްނުޖެހޭނެ ކަމަށެވެ. އެހެންކަމުން ޤާސިމް މިހާރުން މިހާރަށް ދޫކޮށްލައި، މިނިވަން ކުރުމަށް ދިވެހިރައްޔިތުން ގޮވާލާ ކަމަށް މުފީދު ވިދާޅުވިއެވެ.
މާމިގިލީގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާގައި ގާސިމް އިބްރާހިމްގެ އިތުރުން، އެކިއެކި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށްވެސް، އާންމު ރައްޔިތުން ވަނީ ގޮވާލައި އަޑު އުފުލާފައެވެ.
މާމިގިލީގެ އިތުރުން ގއ. ވިލިގިނލީގައިވެސް މިއަދު ވަނީ، ޤާސިމް މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލާފައެވެ.
ވިލިގިނލީގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ރައްޔިތުން ގޮވާލާފައިވަނީ، ޤާސިމް އިބްރާހިމް މިނިވަން ކުރުމަށާއި، އެމަނިކުފާނުގެ މައްޗަށް ކުރަމުންދާ ދައުވާތައް އަނބުރާ ގެންދިއުމަށާއި، އެމަނިކުފާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ހުއްޓާލުމަށެވެ.
ޤާސިމް އިބްރާހިމްގެ މައްޗަށް ތުހުމަތު ކުރަމުންދާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނު މީގެކުރިންވެސް ހައްޔަރުކޮށްފައިވާއިރު، އޭރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.
އެގޮތުން އދ، ފެންފުށްޓާއި، ބ. ތުޅާދޫގެ އިތުރަށް އައްޑޫސިޓީ އާއި ފުވައްމުލަކުގެ އިތުރަށް، ލ.ގަމާއި، ޅަ.ނައިފަރާއި، އއ. ތޮއްޑޫގައިވެސް ވަނީ ޤާސިމް މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކޮށްފައެވެ.
ގާސިމް އިބްރާހިމް ވަގުތުން މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ