ޤާނޫނު އަސާސީއިން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން - ރައީސް މައުމޫން

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލައްވާނެކަމަށް ރާއްްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް އެމަނިކުފާނު ދޫކޮށް ނުލައްވާނެކަމަށެވެ.
އަދި އިރާދަކުރެއްވިއްޔާ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ގާނޫން އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށެއް ނުލައްވާނެކަމަށާ އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައިކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ގައުމު އިސްލާހުކުރުމަށް ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި، ޝައިޚް އިމްރާން އަބުދުﷲ އާއި ގުޅިގެން ޚާއްސަ މަަސައްކަތްތަކެއް ރައީސް މައުމޫން ވަނީ ފައްޓަވާފައެވެ.
މި މަސައްކަތްޕުޅު ފެއްޓެވުމުން އެމަނިކުފާނު އުފެއްދެވި ޕާޓީކަމަށްވާ ޕީޕީއެމްއިން ވަކިކޮށް، ކޯޓް އަމުރެއްގެ ދަށުން ރައީސް މައުމޫންގެ އޮފީސްވެސް ވަނީ ބަންދުކޮށްފައެވެ. އެކަމާއި ގުޅިގެން އެކަންކުރި ފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ބޭސްފަރުވާއަކަށް އިންޑިއާއަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށް، ބޭރަށް ވަޑައއިގަންނަވާއިރު، ސެކިއުރިޓީ ހަމަޖައްސައިނުދޭގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ