އަބްދުﷲ ހަމީދު އަވަހާރަވުމުގެ ހިތާމައިގައި މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބާއްވަން ނިންމައިފި

ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައީސްކަން ކުރެއްވި އަބްދުﷲ ހަމީދު 76، މިއަދު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މަޖިލީހުގެ މާދަމާގެ ޖަލްސާ ނުބާއްވަން ނިންމައިފި އެވެ. މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިރޭ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެގޮތަށް ނިންމެވީ، ހަމީދު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަމީން އާންމު ވިދާޅުވީ ހަމީދު އަވަހާރަވުމާ ގުޅިގެން، ތައުޒިޔާގެ ދަފްތަރެއް މަޖިލީހުގެ އިދާރާގައި ހުޅުވާ ގޮތަށް ވެސް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށެވެ."ދަފްތަރު ބާއްވާނެ ދުވަހާއި ގަޑިތައް ފަހުން އަޅުގަނޑުމެން އަރުވާނަން،" އަހުމަދު ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
އަދި ރައީސް އަބްދުﷲ ޔާމީނާ އެއްބަފާ ބޭބެ ހަމީދު އަވަހާރަވީ މީގެ ތިން
ދުވަސް ކުރިން ހާޓް އެޓޭކެއް ޖެހިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި
ފަރުވާ ދެމުން އަންނަނިކޮށް، މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ހަމީދުގެ ހަށިކޮޅު ރާއްޖެ ގެންނަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ މަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަަނޑި އަށް ތިރިކުރަން ރައީސް ޔާމީން ވަނީ ހަމަޖައްސަވައިފަ އެވެ. އެގޮތުން މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ވަނީ ނިންމައިފަ އެވެ.މައުމޫންގެ ސަރުކާރުގެ ދުވަސްވަރު އެޓޯލްސް މިނިސްޓަރުކަމާއި އެޑިއުކޭޝަން
މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަދި
ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ ހަމީދަށް މިދިޔަ
މަހު ސްޓްރޯކެއް ޖެހިގެން ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އެ މަނިކުފާނު އިތުރު ފަރުވާއަށް ބެންގަލޫރަށް ގެންދިޔައީ މިދިޔަ މަހުގެ 15ގަ އެވެ.ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ
މަގާމުގަ އެވެ. އެ މަނިކުފާނަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ
މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި
އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ. ހަމީދު ވަނީ ދެ ފަހަރެއްގެ މަތިން މަޖިލީހުގެ ރައީސްކަން ކުރައްވައިފަ އެވެ. އެއީ ފެބުރުއަރީ 14، 1988 އިން ފެބުރުއަރީ 22، 1990 އަށް، އަދި ނޮވެންބަރު 11، 1993 އިން ސެޕްޓެންބަރު 13، 2004 އަށެވެ.މީގެ އިތުރުން  ފެބުރުއަރީ 26، 1982 އިން ފެބުރުއަރީ 14، 1988 އަށް، އަދި މާޗް 20،
1990 އިން ނޮވެންބަރު 11، 1993 އަށް ހަމީދު ވަނީ ރައްޔިތުންގެ
މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.ހަމީދު ވަނީ މާލެ އަތޮޅުގެ މެންބަރު ކަމާއި މާޅޮސްމަޑުލު ދެކުނުބުރީގެ މެންބަރުކަމާއި ފ. އަތޮޅުގެ މެންބަރުކަން އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް
ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ހަމީދު ކުރެއްވި އެވެ.މައުމޫންގެ
ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން
ބަދަލުކުރެއްވި އެވެ. އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ
އެވެ. ހަމީދު އަވަހާރަވިއިރު އެ މަނިކުފާނަށް ލިބިވަޑައިގެންނެވި 12 ބޭފުޅުންގެ ތެރެއިން ފަސް އަންހެން
ބޭފުޅަކާއި ހަ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އަދި ކާފަ
ވިދާޅުވާ 23 ބޭފުޅަކު ވެސް އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ