ފަސް ރަށަކަށް ބޭނުންވާ ކަރަންޓު ސާމާނު ފޮނުވައިފި

ފަސް ރަށެއްގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން އިންޖީނުގެތަކަށް ބޭނުންވާ ސާމާނު ފެނަކަ ކޯޕަރޭޝަނުން މިއަދު އެ ރަށްތަކަށް ފޮނުވާލައިފި އެވެ.ފެނަކައިން މިއަދު ފޮނުވީ އައްޑޫ ސިޓީ އާއި ލ. މާމެންދޫ އާއި ތ. ގާދިއްފުށީގެ އިތުރުން ފ. ބިލެތްދޫ އަދި ތ. ދިޔަމިގިލީގެ އިންޖީނުގެތަކަށް ބޭނުންވާ ސާމާނެވެ. އެ ތަކެތީގެ އަގު 6.1 މިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރޭގައި ޕެނަލް ބޯޑާއި ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ބޭނުންވާ އެހެނިހެން ސާމާނު ވެސް ހިމެނޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.މި ތަކެތި މާލެއިން ފޮނުވުމުގެ ކުރިން ޓީ ޖެޓީ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އެ ސާމާނުތައް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އެ ރަށްރަށާ ހަޔަޔަށް ފޯރާނެ ކަމަށެވެ. މި ތަކެތީގެ ސަބަބުން އެރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ."ބައެއް ރަށްރަށުގައި މިހާރު ވެސް ތައްޔާރީތައްވެފައި ހުރީ. އެހެންވީމާ ހަފުތާއެއްހާ ދުވަސް ތެރޭގައި އިންސްޓޯލް ކުރެވި ޚިދުމަތް ލިބޭނެ ކަމަށް އުއްމީދު ކުރެވޭ،" ނިމާލް ވިދާޅުވި އެވެ.މީގެ އިތުރުން އައްޑޫގައި ހުންނަ އެ ކުންފުނީގެ ސޭލްސް ސެންޓަރަށް ބޭނުންވާ މުދާ ވެސް އެ ސާމާނުތަކާ އެކު ފޮނުވާފައިވާ ކަމަށް ނިމާލް ވިދާޅުވި އެވެ. އެ މުދާތަކުގެ އަގު 2.3 މިލިއަން ރުފިޔާ އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.ނިމާލް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އިތުރު ތިން ރަށެއްގެ އާ އިންޖީނުގެތައް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ