ގައިޑްލައިންތަކަށް ތަބާ ނުވާ ނަމަ އަދިވެސް ސުޕްރީމް ކޯޓަށް ދާނަން: ޔާމީން

ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާ ނުވާ ނަމަ އަދިވެސް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގައިޑްލައިންތަކަކީ އިންތިޚާބެއް ބާއްވާއިރު އަމަލު ކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި އެ ކަންތައްތައް ހިމެނީ އިލެކްޝަންސް ކޮމިޝަނަށް އެކަން ނުވުމުން ކަމަށެވެ. އެހެންކަމުން، އެ ގައިޑްލަންތަކަށް ފުރިހަމައަށް ތަބާވުމަކީ ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނުން އެނގިގެން ނުވަތަ ނޭނގި ނަމަވެސް ބައެއް ކަންކަން އިހުމާލްކޮށްފައިވާ ކަން ޔާމީން ފާހަގަކުރެއްވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ރަށްވެރިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލުމަށް ރެޖިސްޓްރީކުރުމަށް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ކޯޓުގެ ހުކުމާ ހިލާފަށް ކަމަށެވެ.
"އެ ހިސާބުން އިލެކްޝަންސްގެ ވިސްނުން ހުރީ އިއުލާން ބާތިލްވެއްޖިއްޔާ އެ ހިސާބުން ކުރި މަސައްކަތަކީ ވެސް ބާތިލް މަސައްކަތެކޭ. އިލެކްޝަންސްގެ ފުރަތަމަ ވިސްނުމަކަށްވީ 8،000-10،000 މީހުން ރީ-ރެޖިސްޓްރީކޮށްފައި އޮއްވާ އެ ހުރިހާ ފޯމެއް ބާތިލްކުރާނީ އޭ. އަލުން ބަލުން މިކަން ކުރާނީ އޭ. އެކަމަކު އަލުން މި ނެރެނީ އެއް ފޯމެއް، އެއް ކަމެއް ކުރަން މިޖެހެނީ. އެހެންވީމާ މި ބޭފުޅުންގެ ވިސްނުން މިހާ ހަނިވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ،" ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި 16 ގައިޑްލައިނެއް ހިމެނޭއިރު އެއަށް ފުރިހަމަ އަށް ތަބާވެ، އެ ހުކުމުގައިވާ ގޮތަށް މިމަހު 20ގެ ކުރިން އިންތިޚާބު ބޭއްވި ދާނެތޯ "ހަވީރު"ން ދެންނެވުމުން ޔާމީން ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ސައްހަ އިންތިޚާބެއް ބޭއްވުން ކަމަށެވެ. އިންތިޚާބުގެ ސައްހަ ކަން ކަށަވަރު ކުރުމަށް އެންމެ މުހިއްމު ކަމަކީ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައިޑްލައިންތައް ފޮލޯކޮށްގެން އެކަން ކުރާ ކަމަށް ވަންޏާ މި މުއްދަތުގެ ތެރޭގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެއްލެވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް. އެކަން ކުރެއްވުމުގައި ދަތިތަކެއް އުޅޭ ކަމަށް ވަންޏާ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި އެ ވާހަކަ ވިދާޅުވާން އެބަ ޖެހޭ. އެއީކީ ހަމައެކަނި އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުން ކުރަން ޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މައްސަލައެއް ދިމާވެއްޖެ ނަމަ ވާހަކަދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދުމަކީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ކުރާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ