މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ދަމަހައްޓަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ގިނަ ވޯޓް އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކާ ކަމަށެވެ. އަދި އެހެންވުމާއެކު އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
އެމްޑީޕީއިން ވަނީ ރާއްޖޭގެ އާބާދީ އެންމެ ގިނަ ސަރަހައްދުތަކުން މެޖޯރިޓީ ހޯދާފަ އެވެ. މީގެ ތެރޭގައި ހުރިހާ ސިޓީ ކައުންސިލާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ.
މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ކާމިޔާބުކޮށްފައިވާ އިރު، އައްޑޫސިޓީގެ ހުރިހާ ގޮނޑިއެއް އެޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ނަގާފައިވަނީ އެމްޑީޕީންނެވެ.
އެމްޑީޕީން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ދެއްކީ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ހުންނެވުމުގެ ވަގުތު ކުޑަތަން ވަމުންދާ މަންޒަރު ކަމަށެވެ. އަދި ވޯޓްގެ ނަތީޖާއިން ފެނިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރެވޭ މަންޒަރު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ ނިންމުން އިލެކްޝަންސް ކޮމިޝަނުން ދަމަހައްޓަން ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ގެންދަނީ މިއަދު އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމަށް ތައްޔާރުވަމުންނެވެ.
ރައްޔިތުން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ދަމަހައްޓަން ޖެހޭނެ - ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ