އިންޑިއާގެ ނުފޫޒުން ރާއްޖެ މިންޖު ކުރެވޭނެ ހަމައެކަނި ދެ މީހުންނަކީ އަޅުގަނޑާއި ޔާމީން: އުމަރު

އިންޑިއާއަށް ނުވިކި, އެގައުމު ބަލިކުރެވޭނެ ހަމައެކަނި ދެ ބޭފުޅުންނަކީ އޭނާ އާއި ރައީސް އަބްދުالله ޔާމީން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިވެހި ޗެނަލް އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ, ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިންގެ ގާބިލުކަން ނެތުން ކަމަށެވެ.
އެގޮތުން އިންޑިއާގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ވިސްނުންފުޅު މާ ތިލަ ކަމަށާއި އެގައުމުން ”ގަންނަ ގަނޑެއްވެސް“ އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ, އިންޑިއާއިން މަސައްކަތް ކުރަނީ ކޮންޓްރެކްޓުތަކެއް ނެގުމަށްފަހު, އެ ކޮންޓްރެކްޓުތަކުގެ ބޭނުން ކޮށްގެން އެތައް ބަޔަކު ރާއްޖެ އެތެރެކޮށްގެން އެ މަސައްކަތްތައް ނުނިންމާ ތިބެން ކަމަށެވެ. އަދި މަސައްކަތްތައް ނުނިންމައި ދިގު ދަންމާލަނީ އެމީހުންނަށް ނުވެގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބޭނެ އެއްވެސް ގޮތެއް ދެން ނެތްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ, އެކަން އިންޑިއާއަށްވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން އެމީހުން މިހާރު ބޭނުންވާނީ ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ތެރެއަށް އެ މީހުންގެ މީހުން ވައްދައި, ދެން އަންނަ ވެރިއަކުވެސް، އެ މީހުންގެ ބަހަށް ހެއްލުވައި ރާއްޖޭގައި ގަދަފައި ވިއްކައިގެން ތިބެން ކަމަށް ވިދާޅުވި އެވެ.
”އިންޑިއާގެ އިޝޫގައި އަޅުގަނޑަށް ޔަގީން އެބޭފުޅާ (ރައީސް ޔާމީން) އައިސްފިއްޔާ ބާލާނެކަން (ރާއްޖޭގައި ތިބި އިންޑިއާ މީހުން). ރާއްޖޭގައި މިހާރު ކެނޑިޑޭޓުންނަށް ވާނެ ކަމަށް ވަކާލާތު ކުރާ މީހުންނަށް ބަލާއިރު ރައީސް ޔާމީނާއި އަޅުގަނޑާ ނޫނިއްޔާ އިންޑިއާއަށް ނުވިކި, އިންޑިއާއިން ބޭނުންވާ ގޮތެއް ނުހެދި އިންޑިއާ ބައްޔެއް ނުކުރެވޭނެ,“ އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ