ރެޑްމީ ނޯޓް 11 އަންނަ ބުރާސްފަތި ދުވަހު ދައްކާލަނީ

އަންނަ ބުރާސްފަތި ދުވަހު ޒައޯމީން ޗައިނާގައި ބާއްވާ ހަފްލާއެއްގައި ރެޑްމީ ނޯޓް 11 ތައާރަފް ކުރަން ނިންމައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ޒައޯމީ ކުންފުނިން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ވީބޯ މެދުވެރިކޮށް ބުނި ގޮތުގައި ރެޑްމީ ނޯޓް 11 ފަރުމާކޮށްފައި ވަނީ ޕަންޗު ހޯލް ޑިސްޕްލޭއަކާއެކު ޖުމުލަ ތިން ކެމެރާ ހިމެނޭ ގޮތަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ހަފްލާގައި ރެޑްމީ ނޯޓް 11 އާއި ރެޑްމީ ނޯޓް 11 ޕްރޯވެސް ދައްކާލާނެއެވެ. ނަމަވެސް ނޯޓް 11 ސީރީސްގައި ހިމެނޭނީ ކޮން ބާވަތެއްގެ ފޯނުތަކެއްކަން އެ ކުންފުނިން އަދި ހާމަނުކުރެއެވެ. ރެޑްމި ނޯޓް 11 ރެޑްމީ ނޯޓް 11 އަކީ ހަ ޖީބީ ރެމަކާއި 128 ޖީބީ އިންޓާނަލް ސްޓޯރޭޖެއް އެކުލެވޭ ފޯނެއްކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. މީގެ އިތުރުން އެ ފޯނުގެ ފަހަތު ކެމެރާގައި 55 މެގަ ޕިކްސެލް ޕްރައިމަރީ ސެންސާ އަކާއި އަށް މެގަ ޕިކްސެލް ވައިޑް އޭންގަލް ލެންސަކާއި ދޭއް މެގަ ޕިކްސެލް ޑެޕްތް ސެންސާ އަދި ދޭއް މެގަ ޕިކްސެލް މެކްރޯ ލެންސެއް ހިމެނޭނެ ކަމަށް އެ ރިޕޯޓުތަކުގައިވެއެވެ. އަދި ފްރޮންޓު ކެމެރާގައި އަށް މެގަ ޕިކްސެލް ސެންސާއެއް ހިމެނޭނެ ކަމަށް އެ މީޑިއާތަކުން ލަފާކުރެއެވެ. ހަމައެހެންމެ ރެޑްމީ ނޯޓް 11 ޕްރޯ ގައި އަށް ޖީބީ ރެމެއް އެކުލެވޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އެފޯނުގެ އިންޓާނަލް ސްޓޮރޭޖުގައި 256 ޖީބީ އެކުލެވޭނެކަމަށް ވެސް އެ ރިޕޯޓްތަކުގައިވެއެވެ. ކޮންމެއަކަސް ރެޑްމީ ނޯޓް 11 ވާނީ ގަންނަން ބޭނުންވާ މީހުންނަށް ހެޔޮ އަގެއްގައި ލިބޭނެ ފޯނަކަށެވެ. މިފޯނު ޗައިނާގައި ތައާރަފްކުރުމަށް ފަހު ވަރަށް އަވަހަށް ބާޒާރަށް ނެރެ، ވިއްކަން ފަށާނެ ކަމަށް ޒައޯމީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ